ވަޒީރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފާހަގަވާނަމަ އެވަޒީރަކާމެދު މަޖިލީހުން ފިޔަވަޅު އެޅުމުގެކުރިން ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ގެންގޮސްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅިގެން މަޖިލީހުގެ ތެރެއިން ނަގަމުންދާ އިތުބާރު ނެތްކަމުގެ މައްސަލަތަކާގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ވަޒީރެއްގެ މަސްއޫލިއްޔަތު އަދާނުކުރައްވައިގެން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާހަގަވާނަމަ އެކަން އެންމެ ފުރަތަމަ ގެންނަންޖެހޭނީ އެމަނިކުފާނާ ހަމައަށް ކަމަށެވެ.
ސަރުކާރުގެ ތެރޭގައި އެކި ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން ތިއްބެވިނަމަވެސް ސަރުކާރަކީ އެއް ސަރުކާރެއްކަމަށާ، މަސައްކަތް ކުރައްވަމުންދަނީ އެއް އަމާޒަކަށް ވާސިލްވުމަށް ކަމަށެވެ. ވަޒީރުންގެ ތެރޭގައި އެމަނިކުފާނުގެ އިތުބާރު ގެއްލޭފަދަ އަދި މަސައްކަތުގެ ޒިންމާ އަދާނުކުރައްވާ ވަޒީރަކު ހުންނެވިކަމަށް ފާހަގަކުރެއްވިފައި ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމުން މުޙަންމަދު މަލީޙު ޖަމާލު ވަކިވެގެން ދިޔަގޮތާ ގުޅޭގޮތުން ރައީސް ވިދާޅުވީ މަލީހު މަޤާމުން ވަކިކުރުގެ ކުރިން މަޖިލީހަށް ހުށަހަޅާފައިވާ މައްސައާބެހޭގޮތުން އޭނާއާ ވާހަދައްކަވާފައިވާނެކަމަށެވެ. މަލީހު ބޭނުންވީ މަޖިލީހުންކުރި ތުހުމަތުތަކަށް އޭނާ އަމިއްލަފުޅަށް މަޖިލީހަށް ވަޑައިގެން ޖަވާބު ދެއްވުމަށްކަމަށެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެތެރެއިން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ވޯޓެއް ނަގާނަމަ އެކަމުގައި އެންމެ ފުރަތަމަ އެމަނިކުފާނާ މަޝްވަރާ ކުރަން ޖެހޭކަމަށެވެ.