ޚަބަރު

ނެއްލައިދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢާއެކު ލަފާފުރުމުގެ ދަތިކަމަށް ހައްލެއް


ރާއްޖޭގެ އެހެން ބައެއް ރަށްރަށެކޭ އެއްގޮތަށް ހދ.ނެއްލައިދޫގެ ރައްޔިތުންނަކީވެސް ލަފާފުރުމާއި ބަނދަރުގެ ދަތިކަން އިހްސާސްކުރަމުންދާ ބައެކެވެ. އާބާދީގައި 1300 އަށްވުރެ ގިނަ މީހުން އުޅޭ ނެއްލައިދޫގައި ލަފާފުރުމަށާއި މަސްވެރިކަމަށް 60 އަށްވުރެ ގިނަ އުޅަނދު ބޭނުންކުރެއެވެ.

ނެއްލައިދޫއަކީ ގާމަތީ ރަށަކަށްވުމުން ލަފާފުރުމަކީ އެރަށުގެ ރައްޔިތުންނަށް ޒަމާނުންސުރެ ކުރިމަތިވެފައިވާ ބޮޑުމައްސަލައެކެވެ. މިކަމަށް ހައްލެއް ހޯދުމަށް 2008 ވަނަ އަހަރު ރައްޔިތުންގެ މަސައްކަތުން އެރަށުގައި ފުރަތަމަ ފަހަރަށް ޖެޓީއެއް އެޅިއެވެ. މިއާއެކު ލަފާފުރުމުގެ ދަތިކަމަށް ރައްޔިތުންނަށް ވަގުތީ ކުޑަ ހައްލެއް ލިބިގެންދިޔައެވެ.

ނެއްލައިދޫގެ ރައްޔިތުންނަކީ މަސްވެރިކަންކުރާބައެކެވެ. އަދި އެރަށުގެ ގިނަޒުވާނުންނަކީ ފަޅުގެ ތަފާތު މަސްވެރިކަން ކުރާ ބަޔަކަށް ވުމުން 2011 ވަނަ އަހަރު ސަރުކާރުން އެރަށުގައި ބަނދަރު ހެދުމުގެ މަސައްކަތްފެށުމާއެކު ރައްޔިތުންގެ އުންމީދު އާވެގެންދިޔައެވެ. 400 ފޫޓްގެ މިބަނދަރު ނިންމާ 2016 ވަނަ އަހަރު ޚިދުމަތް ލިބެންފެށުމުން ރައްޔިތުންނަށް އުފާވެރިކަންލިބިގެންދިޔައެވެ. އެހެންނަމަވެސް މިބަނދަރު ބޭނުންކުރެވުނީ ކުޑަ ދުވަސްކޮޅަކަށެވެ. ބަނދަރަށް ވެލިވަދެ ބަނދަރު ބޭނުން ނުކުރެވޭވަރަށް ތިލަވިއެވެ. އަދި މިކަމަށް ހައްލެއް ނުލިބި 2 އަހަރުވަންދެން ރައްޔިތުންނަށް ވަރަށް ގިނަ ތަކްލީފްތައް އުފުލަންޖެހުނެވެ. 2 އަހަރު ރައްޔިތުންނަށް ބަނދަރު ބޭނުން ނުކުރެވި ދިއުމަށްފަހު 2019 ވަނަ އަހަރު އަނެއްކާވެސް ސަރުކާރުންވަނީ ނެއްލައިދޫގެ ބަނދަރު ފުންކޮށް ރައްޔިތުނަށް ބޭނުންކުރެވޭގޮތްހަދާދީފައެވެ.

އެހެންނަމަވެސް އެރަށުގައި ބޭނުންކުރާ އުޅަނދު ގިނަވުމާއި އަދި ބަނދަރު ހެދިފައިވާގޮތުން އަނެއްކާވެސް ވެލިއަރާ މައްސަލައެއް ދިމާވެދާނެކަމުގެ ބިރު އޮތްކަން ރައްޔިތުންވަނީ ސަރުކާރާ ހިއްސާކޮށްފައެވެ. އަދި އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

އެމްޓީސީސީން ބުނީ ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 50 އިންސަންތަ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓްގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމަށް މިހާރު ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން 62863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، ބިންހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި އަދި 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. މީގެއިތުރުން ނެރުބައްތިއާއި މަގުބައްތި ޖެހުންވެސް މިމަޝްރޫޢުގެ މަސައްކަތުގެތެރޭގައި ހިމެނެއެވެ.

ނެއްލައިދޫގެ ބަނދަރު މިހާރު ޑިޒައިން ކުރެވިފައިވާގޮތަށް ބަނދަރުގެ މަސައްކަތް ނިމޭއިރު ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލަޔަށް ހައްލެއް ލިބިގެންދާނެ ކަމަށް އެރަށުގެ ރައްޔިތުން ޤަބޫލްކުރެއެވެ.

"
" މިހާރު ބަނދަރު އެ ނިންމާގޮތަށް ނިންމީމަ ލަފާފުރުމާއި މުދާ އަރުވާ ބޭލުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް އުންމީދުކުރަނީ"
ނެއްލައިދޫގެ އާންމު ރައްޔިތުން

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެމްޓީސީސީން ބުނީ އަންނަ އޭޕްރީލްގެ ނިޔަލަށް ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިންމާލެވޭވަރުވާނެކަމަށެވެ.