ޚަބަރު

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ބިމެއް ހިއްކަނީ


މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ބިމެއް ހިއްކުމުގެ ވިސްނުން ސަރުކާރުގެ ހުރިކަމުގެ އިޝާރާތެއް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ މުހައްމަދު އަސްލަމް ކުރައްވައިފިއެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓަށް ކުރިމަތިލި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނާއި ގުޅޭގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޙާޒިރުކުރެއްވުމުން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވަނީ، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ބިމެއް ހިއްކުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަމާއި، އެކަމުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ޚާއްޞަ ޕްރޮގުރާމެއް ހިންގަވާނެކަމަށް އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ "ރަށްވެހި ފަތިސް"ކެމްޕެއިން ހަރަކާތުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ދެންނެވި ސުވާލަކަށް ޖަަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވަނީ ސަރުކާރުން ގުޅީފަޅު މަޝްރޫޢު ނިމުމުން އެތަނުން 1،200 އަކަފޫޓުގެ ބިންތަކެއް ދޫކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް އިޝާރާތްކުރެއްވި މަޝްރޫޢަކީ އެ މަޝްރޫޢު ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ބިން ދޫކުރުމަށް ބިން ހިއްކުމުގެ މަޝްރޫޢު ރައީސް މިހާތަނަށް އިއުލާންކުރައްވާފައި ނުވަނީ އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބައެއް ކަންކަން އަދި ހަމަޖެހިފައި ނުވާތީކަމަށެވެ.

މިނިސްޓަރގެ އެވާހަކަފުޅާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ބިން ހިއްކާ މަޝްރޫޢު ރައީސް އިޢުލާންކުރައްވާފައި ނުވަނީ އައިއެންޖީ ބޭންކުން ލޯން ހަމަނުޖެހޭތީކަމަށެވެ. ނަމަވެސް އެ ލޯން ހަމަޖެހުނުހާ އަވަހަށް އެ މަޝްރޫޢު ރައީސް އިޢުލާންކުރައްވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް ބިން ހިއްކަނީ ކޮންތާކުކަމެއް މިނިސްޓަރވެސް އަދި މަޖިލީހުގެ ރައީސްވެސް ވިދާޅެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނުގައިވެސް ވަނީ މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެ މަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފައްޓަވާނެކަމަށާއި، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.