ޚަބަރު

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކުރާމް އިސްތިއުފާ ދެއްވައިފި


މޯލްޑިވް ގޭސް ވަގުތީގޮތުން ހިންގުމާއި ހަވާލުވެހުންނެވި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކްރާމް ޢަލީ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިކްރާމް އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކާއި ގުޅިގެން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މޯލްޑިވްސް ގޭހަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އިކްރާމް އިސްތިއުފާ ދެއްވިއިރު އޭނާގެ މައްޗަށްވަނީ އެތަނުގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމާއި، އަދި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައެވެ.

އިކްރާމް މިއަދު އިސްތިއުފާ ދެއްވިއިރު، މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ޝިޔާމްވެސް ހުންނެނީ ކޮރަޕްޝަންގެ ތުހަމަތުގައި ސަސްޕެންޑް ކޮށްފައެވެ. ޝަޒައިލް ސަސްޕެންޑު ކުރުމުން މިއަދާއި ހަމައަށް ތަން ހިންގުމާއި ހަވާލުވެ ހުންނެވީ އިކްރާމެވެ.

އިކްރާމްގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތަކީ ކޯވިޑާއި ގުޅިގެން ރާއްޖެއަށް އޮކްސިޖަން ސިލިންޑަރު ގެނައުމަށް މޯލްޑިވް ގޭހުން ހިންގިކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެވެ. އެމައްސަލަ ރައްޔިތުންގެ މަޖިލީހާއި، އޭސީސީން ދަނީ ބަލަމުންނެވެ. ކޯވިޑް-19 އާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމަށް ހިންގި ޚިޔާނާތް 16 މިލިއަން ރުފިޔާއަށް އަރައެވެ.

މޯލްޑިވް ގޭހުން އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ކަން ހިންގާފައިވާ ގޮތް ބެލުމަށް އެކުންފުނީގެ ބެލެނިވެރި ކުންފުނި އެސްޓީއޯއިން ވަނީ އިންޓަރނަލް އޮޑިޓެއްވެސް ހަދާފައެވެ.

މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަމުން އަންނައިރު، މިދިޔަ ސަރުކާރުގެ ތެރެއިންވެސް އެކުންފުނިން ހިންގި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވިއެވެ.