ޚަބަރު

"އަރި އަތޮޅަށް ޕްލޭންކުރި ތަރައްޤީގެ ގިނަ މަޝްރޫޢުތައް އެކިމަރުހަލާތަކުގައި ކުރިއަށް"


އަރިއަތޮޅު އުތުރުބުރިއާއި ދެކުނު ބުރީގައި ސަރުކާރުން ކުރިއަށްގެންދަން ޕްލޭންކުރި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަސައްކަތްތައް ފަށައި އެކިމަރުހަލާތަކުގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީން ކުރިޔަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ހަރަކާތުގައި އަރި އަތޮޅުގެ އުތުރު ބުރިއާއި ދެކުނުބުރީގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ޙިއްސާކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މުޅި އަތޮޅުގައި ޕީއެސްއައިޕީގެ ގޮތުގައި 151 މިލިޔަން ރުފިޔާގެ މަސައްކަތް މިހާރު ކުރެވިފައިވާކަމަށެވެ.

އޭގެ ތެރެއިން އެ ދެއަތޮޅުގެ ހުރިހާ ރަށެއްގެ ތަރައްޤީއަށް ޕްލޭންކުރި 62 މަޝްރޫޢުގެ ތެރެއިން 6 މަޝްރޫޢެއް ފިޔަވައި އެހެން މަޝްރޫޢުތައް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

"ހިނގަމުންދާ މަޝްރޫޢޫތައް އެބައުޅޭ، ޓެންޑަރިންގައިވެސް މައެއްޕްރޮޖެކްޓްތައް އެބަހުރި، ނިމިފައިވެސް އެބަހުރި، އަދި ކޮންޓްރެކްޓްކުރެވިފައިވެސް ބައެއް މަޝްރޫޢޫތައް އެބަހުރި. އެހެންވީމަ އަތޮޅުގައި ނިންމަންހުރި 62 ޕްރޮޖެކްޓުގެ ތެރެއިން ބޮޑުބައެއް މިހާރުމިވަނީ އެކި ސްޓޭޖްގައި މަސައްކަތް ފެށިފަ" ރައީސް ވިދާޅުވިއެވެ.

އެދެއަތޮޅުން 25 މީހަކަށް 36 މިލިއަން ރުފިޔާ އެސްއެމްއީ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަން ރައީސް ޞާލިޙްވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެއަތޮޅުގެ 200 ދަރިވަރުންނަށް ހިލޭ ފަސްޓު ޑިގްރީއަށް ކިޔަވަން ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެއަތޮޅާށް ބޭނުންވާ އުމްރާނީ ތައްޤީއާ ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އަދިވެސް ހިންގަންޖެހޭ މަޝްރޫޢުތަކެއް ހުރިކަން ވަޒީރުންވެސްވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ހެލްތު މިނިސްޓަރުވަނީ މުޅި މި ދެއަތޮޅުގެ ހުރިހާ ރަށެއްގެ ސިއްޙީ މަރުކަޒުތައް ތަރައްގީކުރަން ޖެހޭކަމަށްވިދާޅުވެފައެވެ.