ވިޔަފާރި

ތިމާވެށީގެ ދައިރާގެ ތަޖުރިބާކާރު އިނާޒް އެފްޖޭއެސް ކުންފުންޏާ ގުޅިވަޑައިގެންފި


ތިމާވެށީގެ ދައިރާއިން މަސައްކަތްކުރުމަށް ރާއްޖޭގެ މޭނޭޖްމެންޓް ކޮންސަލްޓެންޓް ފާމެއްކަމަށްވާ އެފްޖޭއެސްއާ މުހައްމަދު އިނާޒް ގުޅިއްޖެއެވެ.

އެފްޖޭއެސްއިން ވަނީ އިނާޒް އެކުންފުނީގެ ޑައިރެކްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް ސަސްޓެއިނަބްލް ޑިވެލޮޕްމެންޓާއި ހަވާލުވެފައިވާކަން ހާމަކޮށްފައެވެ.

ރާއްޖެ އަދި ލަންކާގައިވެސް ކޮންސަލްޓެންސީ ދައިރާގައި ހަރަކާތްތެރިވާ އެފްޖޭއެސް ކުންފުނިން ބުނީ، އެކުންފުނިން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން "ދެމެހެއްޓެނިވި ތަރައްޤީ އާއި ތިމާވެށި" މިޒަމާނުގެ ގިނަ މަޝްރޫއުތަކަށް މުހިންމު ވެފައިވާކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ތަރައްޤީގެ މަގަށް އެކުންފުނިންވެސް މަސައްކަތް ކުރުމަށް ނިންމައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެކުންފުނިން ބުނި ގޮތުގައި، މިމަގަށް މަސައްކަތް ކުރުމަށް އިނާޒްއަކީ ފައިތުވި 20 އަހަރު ތިމާވެށީގެ ދައިރާގައި، ސަރުކާރާއި އާންމު ފަރުދުންނާއި، މުޢައްސަސާތަކާއި، ޖަމީއްޔާ ޖަމާޢައްތަކާއެކު މަސައްކަތް ކުރައްވާ ދައިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމަށެވެ. މީގެ އިތުރުން ޔޫއެންޑީޕީގެ އެންވައިރޮމެންޓް އެންޑް އެނާޖީ ޕޯޓްފޯލިއޯ ހިންގުމުގައި ހަވާލުވެ ހުންނެވިއިރު، އޭނާ ވަނީ ކާރިސީ ހިރާސް މަދުކުރުމާއި، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދު ކުރުމާއި، މޫސުމާއި ގުޅޭ ވިލުންވެރި ޕްރޮގްރާމްތަކާއި، ކުނީގެ މައްސަލަ ހައްލު ކުރުމާއި، ފެނުގެ މައްސަލަ ހައްލު ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ.

އެފްޖޭއެސް އިން ބުނީ، އެފަރާތުން ޙިދުމަތް ހޯދާ ފަރާތްތަކަށް، ތަޖުރިބާކާރުންގެ އެހީގައި ގިނަ ހައްލުތައް ދައްކައި، މިހާރު އޮންނަ ނާޒުކު ތިމާވެއްޓަށް ގެއްލުންނުވެ މަސައްކަތް ކުރިއަރައިދާނެ ގޮތްތައް ކިޔައިދީ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދެމުންދާ ކަމަށެވެ. އަދި އެމަގުން އެކުންފުނިން މަސައްކަތް ކުރަމުންދާއިރު، އިއާދަކުރަނިވި ހަކަތަ އާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް އިސްކަން ދެވި، އ.ދ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ގިނަ މަސައްކަތަކެއް ކުރެވެމުންދާ ކަމަށް އެފްޖޭއެސްއިން ބުނެއެވެ.

އެފްޖޭއެސް ކުންފުނި އުފެދިގެން އައީ 2007 ވަނަ އަހަރުއެވެ. އޭރުން ފެށިގެން ގިނަ ދައިރާތަކުން މޭނޭޖްމެންްޓް ކޮންސަލްޓެންސީގެ ޙިދުމަތް އެކުންފުނިން އަންނަނީ ދެމުންނެވެ.