ވިޔަފާރި

މަހަށް ރަނގަޅު އަގެއް ހޯދުމަށް ކުންފުނިތަކުން އިތުރަށް އިންވެސްޓްކުރަންޖެހޭ: މިނިސްޓްރީ


މަހަށް ރަނގަޅު އަގެއް ހޯދުމަށްޓަކައި ކުންފުނިތަކުން ވެލިއު އެޑްކުރުމުގެ މަސައްކަތަށް އިންވެސްޓްކުރަން ޖެހޭގޮތަށް ސިޔާސަތުތައް ބައްޓަންކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން މިހެން ވިދާޅުވެފައި ވަނީ މަސްވެރިން ބާނާ މަސް ނުކިރުމާއި ފައިސާ ނުލިބުމާއި މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ މަޖިލީހަށް ހުށައަޅާފައިވާ ޤަރާރުގެ ކޮމިޓީ ރިޕޯޓްގައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، މަހަށް ލިބޭ އަގު ރަނގަޅުކުރުމަށް ދިވެހިރާއްޖޭގައި ބާނާ މަހަށް ދިވެހިރާއްޖޭގައި ވެލިއު އެޑްކުރުން ނުވަތަ އަގު އެއްކުރުމަކީ މުހިންމުކަމެއްކަމަށެވެ. އެގޮތުން ސިޔާސަތުތައް ބައްޓަންކޮށް މިހާރު ހަރަކާތްތެރިވަމުންދާ މަސް ކުންފުނިތަކުން އަގު އެއްކުރުން އިތުރުކުރުމަށް ސިޔާސަތު އެކަށައަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަލަށް އިންވެސްޓްކުރާ ކުންފުނިތަކުންވެސް ދިވެހިރާއްޖޭގައި އަގު އެއްކުރުމުގެ މަސައްކަތަށް އިންވެސްޓްކުރަންޖެހޭގޮތަށް ސިޔާސަތުތައް ބައްޓަންކުރެވިފައިވާކަމަށް މިރިޕޯޓުގައިވެއެވެ. މީގެއިތުރުން މިފްކޯގެ ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކޮށް ދިވެހިރާއްޖޭގައި ބަންދުކުރެވޭ މަހުގެ މިންވަރު އިތުރުކުރުމަށް މިހާރު ތައްޔާރުވަމުންދާކަންވެސް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މަސްވެރިންނަށް ދިމާވާ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި އެ މިނިސްޓްރީއަށް ފާހަގަވެފައިވަނީ 3 ކަމެއްކަމަށެވެ. އެއީ އައިސް ލިބުމުގައި ހުރި ދަތިތަކާއި، މަސްވިއްކުމަށް ކިޔުގައި ގިނަވަގުތު ހޭދަކުރަންޖެހުމާއި، މަހަށް ރަނގަޅު އަގެއް ނުލިބުމުގެ ޝަކުވާއެވެ. މިކަންކަން ހައްލުކުރުމަށް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.