މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ކޯވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހުން މަޑުޖައްސާލައި، ދެވަނަ ޑޯޒް ޖަހަން ފެށުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރ.އުގޫފާރު ޓާޝަރީ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ ކޯވިޑް-19ގެ މިނުރައްކާތެރި ޙާލަތުން އަރައިގަނެވޭނީ ވެކްސިން ޖެހުމުގެ ކަންކަން އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންގޮސްގެންކަމަށެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުގެ މަސައްކަތް ފަށާފައިވީނަމަވެސް، ދެވަނަ ޑޯޒް ނުޖެހޭހައި ހިނދެއްގައި މިކަމުން ފުރިހަމައަށް ރައްކާތެރި ނުވެވޭނެކަމަށެވެ.
މިނިސްޓަރ ނަސީމް ވިދާޅުވީ މިހާރު ތައްޔާރުވަމުންދަނީ ކޯވިޑް-19ގެ ވެކްސިންގެ 2ވަނަ ޑޯޒް ދިނުމުގެ މަސައްކަތް ފެށުމަށްކަމަށެވެ. ފުރަތަމަ ޑޯޒް ޖެހުމުގެ މަސައްކަތް މިމަހުގެ 15އާ ހަމައަށް ނިމުމަކަށް ގެނެސް، ދެވަނަ ޑޯޒް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.
ރާއްޖޭގައި މިހާރުހުރި ކެޕޭސިޓީއަށް ބަލާއިރު، 10،000 ޑޯޒް ވެކްސިން ދުވާލަކު ޖެހުމުގެ ޤާބިލްކަން އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ވެކްސިން ޖަހަނީ އެވަރެޖްކޮށް ދުވާލަކު 6،000އާއި 8،000އާ ދެމެދުގެ މީހުންނެވެ.
"މިމަހުގެ 15އާ ހަމައަށް ދާއިރު މާލެ ސަރަޙައްދުގައި ޢުމުރުން 18އަހަރުން މަތީގެ އާބާދީއަށް ވެކްސިން ޖެހޭނެ. މަދުވެގެން %75 އާއި %85 މީހުންނަށް ވެކްސިން ޖެހޭނެ. އެހެންވީމަ ކޮންމެ ހިސާބަކުން ދެވަނަ ޑޯޒް ފަށަންޖެހޭ އެބަ. ހުރިހާ ފަރާތްތަކުންވެސް ފުރުޞަތުގެ ބޭނުންހިފާ އަވަހަށް ވެކްސިން ޖައްސަވާ." މިނިސްޓަރ ނަސީމް ވުދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހަން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ. ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޢަދަދު ދޮޅު ލައްކައަށްވަނީ އަރާފައެވެ. މާލޭގެ 8 ސެންޓަރުގެ އިތުރަށް އަތޮޅުތަކުގެ 169 ސެންޓަރުން ވެކްސިން ޖެހުމުގެ ޚިދުމަތް ލިބޭނެއެވެ.