ޚަބަރު

ބޯހިޔާވަހިކަމުގެ އުސޫލު ފައިނަލްކުރާނީ ރައްޔިތުންގެ ޚިޔާލާއެކު - ރައީސް


ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓްތައް ދޫކުރުމަށް ކަނޑައަޅާ ކެޓަގަރީތަކާއި އުސޫލު ފައިނަލްކުރުމުގެ ކުރިން އާއްމުންގެ ޚިޔާލު ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ސަރުކާރުން މިހާރުވަނީ ބޯހިޔާވަހިކަމުގެ ދާއިރާތައް މިންތިކުރާނެ ގޮތުގެ ތަޞައްވަރު ޙިއްސާކުރައްވާފައެވެ.

ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތް "ރަށްވެހި ފަތިސް" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވީ ހައުސިންގ މަޝްރޫޢުތައް އިޢުލާންކުރަމުން އަންނައިރު، ޔުނިޓްތައް ދޫކުރާނެ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމްވަނީ ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިންތިތައް ކަނޑައެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ޙިއްސާކުރައްވާފައެވެ. ސަރުކާރުން ކަނޑައަޅަނީ 4 ރޭންޖެއްގެ ކެޓަގަރީތަކެވެ. މީގެތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގ ކެޓަގަރީއާއި، ލޯވާ މިޑްލް އިންކަމްއާއި، މިޑްލް އިންކަމް އާއި ހައި އިންކަމް ކެޓަގަރީގެ ފްލެޓްތަކެވެ.
ސަރުކާރުން ވިދާޅުވީ ހައުސިންގ ސްކީމްތައް ކަނޑައެޅުމުގައި މީހާ އަދާކުރާ ވަޒީފާއަށް ނުބަލާނެކަމަށާއި މި ސަރުކާރުން އިސްކަންދޭނީ އެ އާއިލާއަކަށް ލިބޭ އާމްދަނީއަށްކަމަށެވެ.

"ރަށްވެހި ފަތިސް"ގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކެޓަގަރީތައް ފައިނަލްކޮށް އެކަމުގެ އުސޫލުތައް ހަދާނީ ރައްޔިތުންނާއި މަޝްވަރާކޮށް، ޚިޔާލު ހިމަނައިގެންކަމަށެވެ. އަދި ސިޓީ ކައުންސިލާއި މަޖިލީހުގެ ޚިޔާލުވެސް ހިމަނާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ދަށް އާމްދަނީ ލިބޭ އާއިލާތަކަށް ދޫކުރާ ކައުންސިލް ހައުސިންގ ޔުނިޓްތަކުގެ އަގު އުޅޭނީ 6000 ރުފިޔާގައި ކަމަށެވެ.

"ކުރީ ސަރުކާރުގެ ހައުސިންގ ސްކީމްގެ ޝަކުވާތައް ސަރުކާރާއި މަޖިލީހުންވެސް އަޑުއަހަމުން އެބަދޭ. މި ޝަކުވާތަކަށް ބެލީމަ ދެން ހައުސިންގ ދޫކުރާއިރު ޢަމަލުކުރާނެގޮތް އެބަ ފާހަގަކުރެވޭ. މިމަހުގެ ނިޔަލަށް ސަރުކާރުން ކްރައިޓީރިއާތައް ކަނޑައަޅާނެ. މަސައްކަތްތައް ނިމެމުންދާވަރަކަށް އަންނަ އަހަރުގެ ފަހުކޮޅު ކޮންމެވެސްވަރަކަށް ހައުސިންގްތައް ހަވާލުކުރަން ފެށޭނެކަމަށް ބެލެވޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި ފްލެޓްތައް ކެޓަރައިޒްކުރުމުގައި އެކި ކަހަލަ ވަޒީފާގެ ދާއިރާތަކުންވަނީ ފްލެޓްތައް ކަނޑައަޅާފައެވެ.
ހިޔާ މަޝްރޫޢުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދިޔަނަމަވެސް، ސަރުކާރުން މިހާރުވަނީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިޢުލާންކޮށްފައެވެ.

ފްލެޓްތައް ދިނުމާގުޅޭ ބޮޑެތި މައްސަލަތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ހާމަވެފައިވާ ކަމަށް އެ ކޮމިޓީން ބުނެއެވެ. އެގޮތުން ކެޓަގަރީތަކަށް ނުފެތޭ މީހުން ތިބުމާއި، ފޯމްތައް ފުރުމާއި، މަޢުލޫމާތުގެ ސައްޙަކަން ކަށަވަރު ނުކުރެވިވާ މީހުންނަށްވެސް، ކުރީ ސަރުކާރުން ފްލެޓްދީފައިވާކަމުގެ ޝަކުވާތައް ފެންމަތިވެފައިވާ ކަމަށް ކޮމިޓީންވަނީ ހާމަކޮށްފައެވެ.