ވިޔަފާރި

އިޤްތިޞާދު ކުރިއެރުވުމަށް ވެކްސިން ޖެހުން މުހިންމު


ކޯވިޑް19ގެ ސަބަބުން މުޅި ދުނިޔެއަށްވެސް ވަނީ އިޤްތިޞާދީގޮތުން ބޮޑު ހީނަރުކަމެއް އައިސްފައެވެ. ދުނިޔޭގައި އިޤްތިޞާދީގޮތުން ކުރިއަރާފައިވާ ޤައުމުތަކުގެ އިޤްތިޞާދު އެތައް އަހަރެއް ފަހަތައް ޖައްސާލިއެވެ. މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި ޤައުމުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެވެސް ހިމެނެއެވެ.

މި ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދީގޮތުން އެންމެ ބޮޑު ގެއްލުމެއް ރާއްޖެއަށް ކުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ފަތުރުވެރިކަމަށް ގުޅިފައިވުމެވެ. ކޯވިޑްގެ ސަބަބުން ރާއްޖެއަށް އެންމެ ގިނައިން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ބަންދުކުރަންޖެހުނެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ވަނީ އެއްކޮށް ބަންދުކޮށްފައެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން މުޅިންހެން ހުއްޓުނެވެ. ރާއްޖޭގެ މައި އެއަރޕޯޓް، ވީއައިއޭއަކީ މުޅި އޭޝިއާ ސަރަހައްދުގެވެސް އެންމެ ބާރުބޮޑު އެއް އެއަރޕޯޓެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން އެއަރޕޯޓް މުޅިން ފަޅުވެގެންދިޔައެވެ. އޭޕްރިލް މަހު ބޯޑަރު ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

މި ބަލިމަޑުކަމުން ސަލާމަތްވުމަށް ގިނަ ޤައުމުތަކަކުން ވަނީ ފުރަބަންދު އިއުލާންކޮށްފައެވެ. ރާއްޖޭގައި ކޯވިޑް އެންމެ ބޮޑަށް ފެތުރިފައިވަނީ ވެރިރަށް މާލޭގައިކަމަށްވުމުގެ ސަބަބުން މާލެ ސަރަހައްދު މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވަނީ ލޮކްޑައުންކޮށްފައެވެ. މީގެ ސަބަބުންވެސް އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ލިބިގެންދިޔައެވެ. މި ސަރަހައްދުގެ ވިޔަފާރިތަކަށް ފޫބައްދަން ދަތި ގެއްލުންތަކަކާއި ކުރިމަތިވިއެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ކޯވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި ދަށްވުމުގެ ސަބަބުން ލޮކްޑައުން ވަނީ އުވާލާފައެވެ. އެމްއެމްއޭގެ "ކުއަރޓާލީ އިކޮނޮމިކް ބުލެޓިން" ރިޕޯޓުން ދައްކާގޮތުން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އުވާލުމުގެ ސަބަބުން މިދިޔަ އަހަރުގެ ފަހުކުއާޓަރުގައި އިޤްތިޞާދު ކުރިއަރައިގެން ދިޔައެވެ. ވިޔަފާރިތައް މަޑުމަޑުން ފަށައިގަނެ، އެ ވިޔަފާރިތައް އަނެއްކާވެސް ކުރިއަރަން ފެށިކަމަށް ރިޕޯޓުން ދައްކައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިޤްތިޞާދު ކުރިއަރަންފެށިނަމަވެސް މިއަހަރު ފެށިގެން އައިއިރު އަނެއްކާވެސް މާލެ ސަރަހައްދުގައި ވަނީ ކޯވިޑްގެ ކޭސްތައް އިތުރުވާން ފަށާފައެވެ. މީގެ ސަބަބުން އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތުތައް ވަނީ މަދުކޮށްފައެވެ. މިއާއިއެކު އަނެއްކާވެސް ވިޔަފާރިތަކުގެ އާމްދަނީ ދަށްވެ އޭގެ އަސަރު ވަނީ އިޤްތިޞާދަށް ކުރަންފަށާފައެވެ.

ކޯވިޑް19 އިން ރައްކާތެރިވުމަށް މިހާރު ރާއްޖެއަށް ވަނީ ވެކްސިން ލިބި ވެކްސިން ޖަހަންފަށާފައެވެ. ބަލީގެ ރައްކާތެރިކަން ލިބޭނެ ހަމައެކަނި ގޮތަކީ ވެކްސިން ޖެހުމެވެ. ރާއްޖޭގައި މިހާތަނަށް 151000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ. އާބާދީގެ ގިނަ ބަޔަކު ވެކްސިން ޖަހައިގެން މެނުވީ މިކަމުގެ ރައްކާތެރިކަން މުޅި އާބާދީއަކަށް ނުލިބޭނެއެވެ. އެހެންކަމުން އާބާދީގެ ވީހާވެސް ގިނަ ބަޔަކު އަވަހަށް ވެކްސިން ޖެހުމަކީ މުހިންމުކަމެކެވެ. ޙާއްސަކޮށް އިޤްތިޞާދު ކުރިއަރުވައި ކުރިންއޮތް ހިސާބަށް ދިއުމަށްވެސް ވީހާވެސް ގިނަ ބަޔަކު އަވަހަށް ވެކްސިން ޖެހުމަކީ މުހިންމުކަމެކެވެ.