ޚަބަރު

އެތައް އަހަރެއްފަހުން ކޮޅުފުށީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް އަންނާނެކަމުގެ އުއްމީދު


މުލަކަތޮޅު ކޮޅުފުއްޓަކީ ސުނާމީގައި އެންމެ ބޮޑަށް ހަލާކުވި އެއް ރަށެވެ. 2004ގެ ސުނާމީއަށްފަހު ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން އައި ކޮޅުފުށީގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ލިބުނީ، ކާރިސާއަށް 9ވަރަކަށް އަހަރު ފަހުންނެވެ. މިގެތަކަކީ ސަރުކާރުން އެރަށް އަލުން އާރާސްތުކުރުމަށްޓަކައި އަޅައިދިން 168ގެއެވެ. ނަމަވެސް ރަށުގެ އާބާދީ އިތުރުވުމާއި، ރަށުގެ އާބާދީއަށް މާލީގޮތުން ހުރި ގޮންޖެހުންތަކާއެކު ބޯހިޔާވަހިކަމުގެ މައްސަލަވަނީ ކޮޅުފުއްޓަށް ބޮޑު މައްސަލައަކަށްވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ވިދާޅުވީ ރަށުގެ އާބާދީ އިތުރުވިނަމަވެސް، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މިހާތަނަށްވެސް އެކަށީގެން މަސައްކަތްތައް ކުރެވިފައި ނުވާކަމަށެވެ. ކުރިން ގެވަޅުތައް ދޫކުރިނަމަވެސް، މާލީ ދަތިތަކުގެ ސަބަބުން އަމިއްލަ ގެވަޅުގައި ގެ އަޅައިގެން ދިއުމުގެ ތަނަވަސްކަން ނެތް އާއިލާތައް ރަށުގައި ގިނަކަމަށެވެ.

"ސުނާމީއަށްފަހު އިތުރަށް އަމިއްލަ ފަރުދުންގެ މަސައްކަތުން ދިހަވަރަކަށް ގެވެސް އެޅިފައި ނެތް. މިހާރު ހުރި ގޭގޭގައި 2-3އާއިލާ އެބަ ދިރިއުޅެމުންދޭ. ސުނާމީގެ ފަހުންވެސް ގެވަޅު ދޫކުރި. އެކަމަކު މާލީ ދަތީގެ ސަބަބުން ގެތައް ނޭޅޭ. 20-30އަހަރު ވެފައިހުރި ގެވަޅުވެސް އެބަހުރި." ކޮޅުފުށި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކޮޅުފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މިހާރުވަނީ އެރަށުގައި 100ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢެއް އިޢުލާންކޮށް ކައުންސިލާއެކު ސޮއިކޮށްފައެވެ. މިމަޝްރޫޢުގެ ބިންގާ އަޅާފައިވަނީ މިދިޔަ މަހުއެވެ. އަދި ސައިޓުތަކުގައި ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިހާރުދަނީ ރަށަށް ގެންދަމުންނެވެ.

ކޮޅުފުށީގައި ކުރިއަށްގެންދާ މަޝްރޫޢަކީ މީގެކުރިން ކުރިއަށް ނުގެންދާ ކޮންސެޕްޓަކަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި ހައުސިންގ ޔުނިޓްތައް އަޅަނީ ރަށުގައި ގެ ނޭޅި ގިނަދުވަސްވެފައިވާ ގެވަޅުތަކުގައެވެ. ސަރުކާރަށް ދިގު މުއްދަތަށް ފައިސާ ދައްކާގޮތަށް ގެ އެޅުމަށް ރަށުގެ 67ގެވަޅުގެ ވެރިން އެދި، އެކަމުގެ އެއްބަސްވުންވަނީ ހަދާފައެވެ.

ކޮޅުފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ ބާކީ އިން 33ހައުސިންގ ޔުނިޓް ޚާއްސަކުރާނީ ޒުވާނުންނަށްކަމަށެވެ. އަލަށް ޒަވާޖީ ހަޔާތެއް ފަށައި، އަމިއްލައަށް އުޅެވޭނެ ގޮތް ނެތް އެތަށް ޒުވާނުންނެއް ރަށުގައި އެބަތިއްބެވެ. ޝާމިލް ވިދާޅުވީ މި މަޝްރޫޢުގެތެރޭން ޒުވާނުންނަށް ފުރުޞަތު ދިނުމަށް، ރަށުން އިތުރަށް ގެވަޅު ދޫކުރުމުގެ ހުއްދަ ޕްލޭނިން މިނިސްޓްރީން ހޯދަމުންދާކަމަށެވެ.

ކޮޅުފުށީގައި އިމާރާތްކުރާ ޔުނިޓްތަކަކީ 3ކޮޓަރިއާއި 3ފާޚާނާ ހިމެނޭ ހައުސިން ޔުނިޓްތަކެވެ.

"އަލަށް ހަދާ ޔުނިޓްތަކަށް މަހަކު 5000ރުފިޔާ ދައްކަންޖެހެނީ. އެއީ 20އަހަރަށް ބަހާލައިގެން. ޖުމްލަ 1.2މިލިއަން ރުފިޔާ." ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އަލަށް ހަދާ ހައުސިންގ ޔުނިޓްތަކާއެކު ރަށަށް މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެވޭނެކަމަށެވެ.
މާލޭގައި ދިރިއުޅޭ، ނަމަވެސް މިހާރު ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތައްވެސް ތިބިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގެދޮރު ނެތުމުގެ ސަބަބުން ބަދަލު ނުވެވިވާކަމަށެވެ.

ކޮޅުފުށީގެ އާބާދީ 1400އަށްވުރެ އިތުރެވެ. ރަށުގައި ދިރިއުޅެނީ އާބާދީގެ %70އެއްހާ މީހުންނެވެ.