ޚަބަރު

އަވިން ހަކަތަ އުފައްދާ އެންމެ ބޮޑު ނިޒާމުގެ މަސައްކަތް ޖުލައިމަހު ފަށަނީ


ރާއްޖޭގައި މިހާތަނަށް ޤާއިމްކުރާ އަވިން ހަކަތަ އުފައްދާ އެންމެ ބޮޑު ނިޒާމުގެ މަސައްކަތް ޖުލައިމަހު ފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހުޅުލެ-ހުޅުމާލެ ސޯލާ ޕީވީ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް މިހާރު ވަނީ ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ކުރިއަށްގެންދާ "އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރެނިއުބަލް އެނަރޖީ" (އެސްޕަޔަރ) މަޝްރޫޢުގެ ތެރެއިން، ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑްގައި 5 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމުގެ ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮޖެކްޓްގެ ކުރިއަށްގެންދާ ކުންފުންޏަށް ހޮވުމަށް ހުޅުވާލި ފުރުޞަތުގައި 21 ކުންފުންޏަކުން ކުރިމަތިލިއެވެ. އަދި ފަންނީ އަދި މާލީ ޤާބިލުކަމަށް ބެލުމަށްފަހު ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑާއެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިޒާމުގެ ދަށުން އެ ކުންފުނިން އުފައްދާ ހަކަތަ، ސަރުކާރުން ގަނެ ސްޓެލްކޯގެ ގްރިޑާ ގުޅާލާގޮތަށެވެ.

ސޯލަރ ޕީވީ ޖެހުމުގެ އަމަލީ މަސައްކަތްކުރުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ޖިއޯޓެކްނިކަލް ސާރވޭގެ މަސައްކަތްތާއި، ތިމާވެށީގެ އެސެސްމަންޓް ހެދުމުގެ މަސައްކަތްތައް އެ ކުންފުނިން މިހާރުވަނީ ލިންކް ރޯޑް ސައިޓުގައި ފަށާފައެވެ. އަދި ޕްރޮޖެކްޓްގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް މިހާރުދަނީ ކުރިއަށްގެންދަމުންނެވެ. މި ޕެނަލްތައް ޖަހަނީ ހުޅުލެ-ހުޅުމާލެ ލިންކް ރޯޑްގެ ޕޭމަންޓް ލޭންގެ މަތިން، ޕޭމަންޓް ބޭނުންކުރަން އުނދަގޫ ނުވާނެ ގޮތަށެވެ.

ހުޅުލެ އަދި ހުޅުމާލޭ ގުޅޭ ލިންކް ރޯޑުގައި ހަދާ ސޯލާ ޕީވީ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ، ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި މީގެކުރިން ވަނީ 1.5މެގަވޮޓްގެ ސޯލާ ހަރުކޮށް ބޭނުންކުރަން ފަށާފައެވެ. މި ޕްރޮޖެކްޓްގައި އުފައްދާ ހަކަތަ ސްޓެލްކޯއަށް ވިއްކަމުންދަނީ 21 ޔޫއެސް ސެންޓަށެވެ. އެހެންކަމުން އަލަށް ފަށާ ޕްރޮޖެކްޓްގައި އަވިން އުފައްދާ ހަކަތައިގެ ޔުނިޓެއް ސްޓެލްކޯއަށް ގަންނަން ލިބޭނީ، ކުރީ ޕްރޮޖެކްޓަށްވުރެ ދެބައިކުޅަ އެއްބައި އަގު ހެޔޮ ރޭޓެއްގައެވެ.

އެސްޕަޔަރގެ 2 ވަނަ ފިޔަވަހީގެ ދަށުން ގާއިމްކުރާ 5 މެގަވޮޓް ސޯލަރ ޕީވީ ނިޒާމުން އެކަނިވެސް ދައުލަތުން ކަރަންޓާއި ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެއެވެ.

މި ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން، ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަނާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އަހަރަކު ސަލާމަތްކުރެވޭނކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ލަފާކުރައްވައެވެ.

މިޕްރޮޖެކްޓްގެ ސަރވޭގެ މަސައްކަތް ނިންމައި މިއަހަރުގެ ޖުލައިމަހު ޢަމަލީ މަސައްކަތްތައް ފަށާނެއެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ނިންމައި، މިއަހަރުގެ ފަހުކޮޅު ޚިދުމަތް ފެށޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ލަފާކުރައްވައެވެ.