ވިޔަފާރި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 4 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޖުމްލަ 200871 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރޭގައި ހިމެނެނީ ޖަނަވަރީ މަހު ރާއްޖެއައި 92103 ފަތުރުވެރިންނާއި، ފެބްރުއަރީމަހު ރާއްޖެ އައި 96882 ފަތުރުވެރިންނާއި މިމަހުގެ ފުރަތަމަ 4 ދުވަހު ރާއްޖެއައި 11886 ފަތުރުވެރިންނެވެ.

ލޮކްޑައުންއަށްފަަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެއަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ރަނގަޅުވަމުންނެވެ. ބޯޑަރު ހުޅުލިފަހުން އެއްމަހެއްގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީވެސް މިދިޔަ މަހުއެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 3460 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެއީ 46541 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިންނެވެ. އެއީ 42،417 ފަތުރުވެރިންނެވެ. 13350 ފަތުރުވެރިންނާއިއެކު 3 ވަނަގައި އުޅެނީ ޔޫކްރެއިންއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ ތެރެއިން 663 ތަނެއް ދަނީ އޮޕަރޭޓްކުރަމުންނެވެ. ފަތުރުވެރިންނަށް ޙިދުމަތްދޭ އެނދުގެ އަދަދު ވަނީ 45000 އިން މައްޗަށް އަރާފައެވެ.