ޚަބަރު

ކޯވިޑް-19 ދިފާޢު: ޤައިދީންނަށް ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސަނީ


ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީންނަށްވެސް ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ޖެހުމަށްވެސް ނިންމާފައިވާކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ވިދާޅުވީ ޖަލުތަކަށް ޚާއްސަކޮށްގެން ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖައްސަވަމުން އަންނަކަމަށެވެ. ވެކްސިން ޖަހާނެ ޓީމްތައް ތަމްރީންކުރުމުގެ މަސައްކަތް މިހާރު ނިންމާފައިވާކަމަށާ، ކުރިއަށް އޮތްތަނުގައި ފަހަރަކު ޖަލަކަށް ވެކްސިންގެ ޓީމުތައް ގޮސް ވެކްސިން ޖަހައިދެމުން ގެންދާނެކަމަށެވެ.

ބައެއް ޖަލުތަކުން ވަނީ ކޯވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު އޮންނަ އުޞޫލްގެ ދަށުން ޖަލުތަކުގައިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ.

ސަރުކާރުގެ އަމާޒަކީ ހަމަހަމަ ކަމާއެކު ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން ދިނުމެވެ. މިގޮތުން މިހާރު ޢުމުރުން 18 އަހަރުން މަތީގެ އެންމެނަށް މާލެ ސަރަޙައްދުގައި ވެކްސިން ޖަހަން ފަށާފައިވާއިރު އަތޮޅުތަކުގައިވެސް މިވަގުތު އަންނަނީ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ޖަހައިދެމުންނެވެ. މީގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށްވެސް ވެކްސިން ޖެހުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އިން ދިފާއުވުމަށްޓަކައި އެއްލައްކަ ތިރީސް ހަތް ހާހަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ.