ޚަބަރު

ފްލެޓް ކޮމިޓީން މަސައްކަތްކުރީ ރަނގަޅަށް - އަސްލަމް


ހިޔާ ފްލެޓްތަކުގެ މައްސަލަ ބެލުމަށް އުފެއްދި ކޮމިޓީން މަސައްކަތްކޮށްފައިވަނީ ރަނގަޅަށްކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙަންމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ފްލެޓުތަކާ ގުޅޭ މައްސަލާގައި ހައުސިންގ މިނިސްޓަރާއި ފްލެޓް ކޮމިޓީގެ އިތުރުން ކަމާގުޅޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާ ގުޅޭ ކޮމިޓީއަށް ހާޒިރުކޮށް މެމްބަރު ކުރި ސުވާލަކާ ގުޅިގެންނެވެ.

ގެދޮރުވެރިކުރުވުމުގެ މައްސަލާގައި އެތައް ބައެއްގެ ކަންބޮޑުވުން ގުޅިފައިވާ ފްލެޓްތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާ ގުޅޭ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ މިސަރުކާރުން ނުވަތަ ފްލެޓު ކޮމިޓީއިންވެސް އަލުން ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާނުލާކަމަށެވެ.

ފްލެޓުތަކުގައި ދިމާވެފައިވާ މައްސަލަތައް ބެލުމަށް ކުރިއަށްގެންދިޔައީ މިދިޔަ ސަރުކާރުން ގެންގުޅުނު އުސޫލުތައް ކަމަށާއި އިތުރަށް އުސޫލެއް އެކުލަވާލަންޖެހުނީ ފްލެޓުތައް ހުރި މިންވަރަށްވުރެ ގިނައިން ފްލެޓު ލިބުނުކަމަށް ލިޔުން ފޮނުވާފައިވާތީ އެމައްސަލަ ޙައްލުކޮށް އެންމެ ބޮޑަށް ފްލެޓު ޙައްގުވާ މީހުން ދެނެގަތުމަށްކަމަށެވެ. އެހެންކަމުން މިހާރުވެސް ފްލެޓު ލިބިފައިވަނީ ކުރީ ސަރުކާރުން ފްލެޓު ހޯދުމަށް ކުރިމަތިލީ މީހުންނަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ފްލެޓު ކޮމިޓީއިން މިމަސައްކަތްކޮށްފައިވާ ގޮތާމެދު ޔަގީންކަން އެބައޮތްކަމަށެވެ.

"ލިބޭ މާރކްސް %50އަށް ނާރަކަމުގައިވާނަމަ އެކެޓަގަރީއެއްގައި ކުރިމަތިލީ ފަރާތްތަކަށްވުރެ އިތުރަށް ނުވަތަ އެވަރަށް ފްލެޓު ހުރިކަމަށްވާނަމަވެސް ފްލެޓެއް ނުލިބޭނެ. ކަޓް އޮފްއެއް ސަރުކާރުން ދިނީ. އެއީ ޕާސް މާކެއް ސަރުކާރުންދިން. އަޅުގަނޑުމެން މަސައްކަތްކުރިއަށްގެންދިޔައީ މިދެންނެވި ގޮތަށް. އަޅުގަނޑަށް އެއްވެސް ޝައްކެއް ނެތް ފްލެޓް ކޮމިޓީއިން މަސައްކަތްކުރައްވާފައިވަނީ އެބޭފުޅުންގެ މެންޑޭޓާއެއްގޮތަށްކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިކޮމިޓީގައި ވާހަކަދައްކަވަމުން ފްލެޓް ކޮމިޓީގެ މެމްބަރު ޠާހާ މުޙައްމަދު ވަނީ ފްލެޓުތަކުގެ ދާއިމީ ލިސްޓު ނިމިދިޔަ ސަރުކާރުން ހާމަކުރެއްވިއިރު ހުރި ގިނަ މައްސަލަތައް މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާއި ގުޅޭ ކޮމިޓީގެ ސަމާލުކަމަށް ގެންނަވާފައެވެ. އެގޮތުން ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަކީ ފްލެޓު ޙައްގުވާ ފަރާތްތައް ދެނެގަތުމުގައި މުހިއްމު ބަޔަކަށްވާއިރު ކުރީ ސަރުކާރުން ފްލެޓު ދިނުމުގައި ބަލާފައިވަނީ ކޮން މިންގަނޑަކުން ކަން އިނގެން ނެތްކަމަށެވެ.

ސަބަބަކީ ފޯމުތަކުގައި ދިރިއުޅުމުގެ ޙާލަތު ބަޔާންކުރާ ވަކި ޚާއްސަ ބައެއް ކަނޑައަޅާފައިވާއިރު އެބައި ނުފުރާ ހުރި އެތައް ބަޔަކަށްވެސް ފްލެޓު ލިބިގެން ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ވިދާޅުވެ ޠާހާ ވަނީ އެފަދަ ބައެއް ފޯމުތައް ކޮމިޓީގެ ސަމާލުކަމަށް ގެންނަވާފައެވެ.

ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުއާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން އެމައްސަލަތައް ބެލުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. އަދި ކޮމިޓީން މިހާރުވަނީ ފްލެޓުތަކާ ގުޅިގެން ހުރި މައްސަލަތައް ބެލުމަށްފަހު ފްލެޓު ޙައްގުވާ ފަރާތްތައް ހިމަނާ ދާއިމީ ލިސްޓު ޢާއްމުކުރައްވާފައެވެ.

މިމަސައްކަތްކުރުމުގައި މީހުންގެ ދިރިއުޅުމުގެ ޙާލަތުން ދެނެގަތުމަށް ގުޅާ ގޭގެއަށް ޒިޔާރަތްކޮށް ފްލެޓުތަކާއި ގުޅިގެން ހުށައަޅާފައިވާ މައްސަލަތައްވަނީ ބަލާފައެވެ. އަދި ފްލެޓުތަކުގައި މިހާރު ނުނިމިހުރި މަސައްކަތް ނިންމާ މިމަހުގެ ތެރޭގައި ފްލެޓު ޙަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.