ޚަބަރު

ކައުންސިލް އިންތިޚާބު: 29 މިލިޔަން ރުފިޔާއަށް ބަޖެޓް ކުޑަކޮށް ކޮމިޓީއަށް ހުށަހަޅައިފި


އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް އިތުރަށް ބޭނުންވި 42 މިލިޔަން ރުފިޔާއިން 29 މިލިޔަން ރުފިޔާއަށް ބަޖެޓް ކުޑަކޮށްފިއެވެ.

އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކައުންސިލް އިންތިޚާބު ބޭއްވުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 42 މިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަޙަޅާފައެވެ. ނަމަވެސް ކޮމިޓީން އިލެކްޝަންސްއާއިއެކު ބޭއްވި ބައްދަލުވުމަށްފަހު ބައެއް ކަންކަން އުނިކޮށް، ބަޖެޓް ކުޑަކޮށް ދިނުމަށް އެދުމުން މިހާރު ވަނީ ބަޖެޓަށް ބަދަލު ގެނެސްފައެވެ.

ބަޖެޓަށް ގެނައި ބަދަލު ތަކާއި ގުޅޭގޮތުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޮމިޓީން އެދުނު ކަންތައްތަކުގެ ތެރެއިން އޮފިޝަލުން ނެގުމަށް ހިނގާ ޚަރަދުތަކުގެ ތެރެއިން 13 މިލިޔަން ރުފިޔާ އުނިކޮށް 29 މިލިޔަން ރުފިޔާގެ ބަޖެޓެއް އިއްޔެ ކޮމިޓީއަށް ހުށަހަޅާފައިވާކަމަށެވެ. މި ބަދަލު ގެނައީ އެޗްޕީއޭއާއިއެކުވެސް އިތުރު މަޝްވަރާތަކެއްކޮށް، އިންތިޚާބު ބޭއްވުމަށް އިތުރު ލުއިތަކެއް ލިބޭނެކަމުގެ އުންމީދުވެސް އޮތުމުންކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ 51 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ ބަޖެޓުން ކޯވިޑް-19އިގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިތުރަށް 42 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ހާލަތު ހުރި ގޮތުންނާއި، ހުށަހަޅާފައިވާ ބަޖެޓުގައި ހުރި ކަންކަމަށް ބަލައި ބަޖެޓް ކުޑަކުރަން އެދުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ބަޖެޓަށް ބަދަލުތަކެއް ގެނެސްފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބާއްވާއިރު، ބަހައްޓާނެ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ކުރިން އިންތިޚާބުގައި ބަހައްޓަން ނިންމީ532 ވޯޓް ފޮށިކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު އިތުރުވެ 735 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ. އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނެކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދެ ޤައުމެއްގައި ވޯޓް ފޮށި ނުބެއްހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށެވެ. އެގޮތުން މެލޭޝިއާގައި ބެހެއްޓުމަށް ނިންމި 2 ވޯޓް ފޮށްޓާއި، އިނގިރޭސވިލާތުގައި ބަހައްޓަން ނިންމި ވޯޓް ފޮށި ނުބެހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި 10،000އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އެހާ ގިނަ ޢަދަދެއްގެ އޮފިޝަލުން ބައިތިއްބަން ނިންމީ އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަށްކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.