ޚަބަރު

ވިޔަފާރިއާ ގުޅޭ 4 ބިލަކާއެކު ޖުމްލަ 5 ބިލެއް ފޮނުވައިފި


ވިޔަފާރިއާ ގުޅުންހުރި 4 ބިލަކާއިއެކު ޖުމްލަ 5 ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީއަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެމްޑީޕީއަށް ފޮނުވި 5 ބިލަކީ ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމުގެ ބިލާއި، އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުމުގެ ޤާނޫނު އުވާލުމުގެ ބިލުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިހާތަނަށް 76 ބިލެއް މަޖިލީހަށް ފޮނުވާފައެވެ. އޭގެ ތެރެއިން 61 ބިލު ގާނޫނަކަށްވެފައިވާއިރު، ބާކީ ހުރި ބިލުތައް އަދިވެސް ވަނީ މަޖިލީހުގައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މިދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށް ނިންމާފައިވާ ބިލުތައް ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިހަފްތާގެ މަޖިލީހުގެ ޖަލްސާތަކުގައި ފާޅުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް 33 ބިލެއް މަޖިލީހަށް ހުށަހެޅުމަށްވެސް ބަންޑާރަ ނާއިބުވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ދިނުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލު ހިމެނެއެވެ. އެބިލުތަކުގެ ލިސްޓް މަޖިލީހަށްވަނީ ފޮނުވާފައެވެ. އޭގެތެރޭގައި މުޅިން އަލަށް 15 ޤާނޫނެއް އެކުލަވާލައި ބިލް ހިމެނެއެވެ. އަދި މިހާރު ޢަމަލުކުރެވެމުންދާ 16 ޤާނޫނަކަށް އިޞްލާހު ގެނައުމަށްވެސް ހިމަނާފައިވެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ މިދައުރުގައި މުހިންމު ޤާނޫނުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ.