ވިޔަފާރި

މިރޯދަމަހު ކަނޑޫދޫ މިރުސް ބާޒާރުން ހުހެއްނުވާނެ، އަގުވެސް ހެޔޮވާނެ


މިއަހަރުގެ ރޯދަމަހު ކަނޑޫދޫ މިރުސް ބާޒާރުން ހުސްނުވެ ލިބެން ހުންނާނެ ކަމަށާއި އަގުވެސް ކުރީ އަހަރުތަކަށް ވުރެ ހެޔޮވާނޭކަމަށް ކަނޑޫދޫ ދަނޑުވެރިން ހާމަކޮށްފިއެވެ.

ރޯދަމަސް ފެށެން 40 ވަރަކަށް ދުވަހަށް ވެފައިވާއިރު، ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ދިމާކޮށް ތ. ކަނޑޫދޫ މިރުހަށް އޮންނަ ޑިމާންޑު ބޮޑުވެ، ކަނޑޫދޫ މިރުހުގެ އަގު އިންތިހާއަށް އުފުލިގެންދެއެވެ.

މިކަން މިހެންދިމާވަނީވެސް ޑިމާންޑާއި އެއްވަރަށް މިރުސް ލިބެން ނެތުމުންނެވެ. ފާއިތުވީ ދެ އަހަރުވެސް ރޯދަމަހާއި ދިމާކޮށް ކަނޑޫދޫ ދަނޑުތަކެއް އެކި ކަހަލަ ގެއްލުންތައްވެ، ބާޒާރަށް ނެރެވޭ މިރުހުގެ އަދަދު ދަށްވިއެވެ. އެގޮތުން މިދިޔަ އަހަރުވެސް ހޫނު މޫސުމުގައިި ދަނޑުތަކަށް ގެއްލުންވެ، ބާޒާރަށް ނެރުވުނު މިރުހުގެ އަދަދު ދަށްވިއެވެ. މިއާއެކު މިދިޔަ އަހަރުގެ ރޯދަމަހު ތެރޭވެސް މިރުހުގެ އަގު ބައެއް ދުވަސްތަކުގައި ވަނީ ހާހަކަށްވުރެ މައްޗަށް އަރާފައެވެ.

ކަނޑޫދޫ ދަނޑުވެރިން ދަނީ ރޯދައަށް ތައްޔާރުވަމުންނެވެ. އެރަށުން ވާހަކަ ދެއްކި ދަނޑުވެރިއެއް ބުނީ މިއަހަރުގެ ރޯދަމަހު ބާޒާރުން މިރުސް ހުސްނުވެ ލިބެން ހުންނާނެ ކަމަށެވެ. އަދި އެހެން އަހަރުތަކުގައިވެސް އަގު މައްޗަށް ދަނީ އެރަށުންވެސް މިރުސް ބޭރުކުރެވޭ މިންވަރު ދަށްވުމުންކަމަށް އޭނާ ބުންޏެވެ.

ކަނޑޫދޫ ދަނޑުވެރިން ރޯދަ މަހަށްވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިޙް ވިދާޅުވީ އެރަށުގެ ބައެއް ދަނޑުވެރިން ލ.ގަމުގައިވެސް މިރުސް ހައްދަމުންދާ ކަމަށެވެ.

"މިފަހަރު ކަނޑޫދޫމިރުސް ކުރިން އަގު އެ އަރާގޮތަަށް އަރައިގެން ނުދާނެ، މިރަށުގެ އިތުރުން، ލ. އަތޮޅު ގަމުގައިވެސް އެބަ މިރުސް ހައްދާ، އެގޮތުން އެރަށުގެ ދަނޑުވެރިކަން ކުރާ ސަރަޙައްދުގެ 3 ބައި ކުޅަ 2 ބައި ކޮންޓްރޯލް ކުރަނީ ކަނޑޫދޫ ދަނޑުވެރިން،" ނާސިޙް ވިދާޅުވިއެވެ.

ނާސިޙް ވިދާޅުވީ ކަނޑޫދޫއިން މިއަހަރުގެ ރޯދަމަހަށް ކަރާވެސް ހައްދަމުންދާ ކަމަށާއި، ރޯދައަށް ގިނަ އަދަދެއްގެ ކަރާ އެރަށުން ބޭރުކުރާނެ ކަމަށެވެ. މިދިޔަ އަހަރުގެ ރޯދަމަހު ކަނޑޫދޫ މިރުސް މާލޭ ބާޒާރުގައި ވަނީ ކިލޯއެއް 700 ރުފިޔާއާއި 1200 ރުފިޔާ ދެމެދުގެ އަގުތަކެއްގައި ވިއްކާފައެވެ. ރޯދަމަސް ފެށެން ގާތްވެފައިވާއިރު، މިހާރު މާލޭ ބާޒާރުގައި މިރުސް ކިލޯއެއްގެ އަގު އުޅެނީ 300 ރުފިޔާ އާއި 250 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

އިބްރާހިމް ހަލީލް

ނަން އޮންނަނީ ކަނޑޫދޫ މިރުސް ހައްދަނީ ލ.އަތޮޅު މީހުން ޕީއެސް އެމް އާދެބަލަ އިސްދޫ ދަނޑުތައް ބަލާލަން