ވިޔަފާރި

ޓްރެވެލް އެޖެންސީތައް ހިންގުމުގެ ޤަވާއިދު އިސްލާހުކޮށްފައިވަނީ ކުދި ވިޔަފާރިތަކަށް ފަސޭހަވާނެ ގޮތަށް: މިނިސްޓްރީ


ޓްރެވެލް އެޖެންސީތައް ހިންގުމުގެ ޤަވާއިދު އަލުން އެކުލަވާލިއިރު ވިސްނާފައިވާނީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަ ކޮށްދިނުމަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިނގާ ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންނަށް އިތުރު ފަސޭޙަތަކެއް ލިބިދޭ ގޮތަށް "ދިވެހިރާއްޖޭގައި ޓޫރިޒަމާއި ގުޅުންހުރި ދަތުރު ރަވައި، ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދު" އިސްލާހްކޮށް އަލުން ގެޒެޓްކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މުހައްމަދު ޚުއްސާން ވިދާޅުވީ، ކުރިން ޤަވާއިދު އެކުލެވިފައިވާގޮތުން މި ސިނާއަތުގައި މަސައްކަތްކުރާ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. ނަމަވެސް އަލުން ޤަވާއިދު އިސްލާހުކޮށް ގެޒެޓްކޮށްފައިވަނީ މިހާރު އެފަދަ ވިޔަފާރިތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޚުއްސާން ވިދާޅުވީ، ޤަވާއިދު އަލުން އިސްލާހުކުރިއިރު ދިވެހިންނަށް ފުރުސަތު ފަހިކޮށްދިނުމަށްވެސް ޙާއްސަ އިސްކަމެއް ދީފައިވާނެކަމަށެވެ. ކުރިން އޮތްގޮތުން ބޭރުގެ ބޮޑެތި ޓްރެވެލް އެޖެންސީތަކަށް ޓްރެވަލް އެޖެންސީ ރެޕްރެޒެންޓޭޓިވް އޮފީސްތައް ރާއްޖޭގައި ހުޅުވާލެވެއެވެ. ނަމަވެސް އޭގެބަދަލުގައި މިހާރު އެފަދަ އޮފީހެއް ހިންގަންޖެހެނީ ލޯކަލް ޓްރެވެލް އެޖެންސީތަކުގެ އެޖެންޓަކާއި ގުޅިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ޤަވައިދުގައި އެންމެ ބޮޑަށް ވިސްނާފައިވަނީ ވިޔަފާރިތަކަށް ވަކިން ޙާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިކޮށްދިނުމުގެ ވިސްނުން. އެގޮތުން އަޅުގަނޑުމެންނަށް ފާހަގަކުރެވުން އޮފީސް ރިކުއަޔަރމަންޓް މިއީ ވަރަށް ބޮޑު ދައްޗެއްކަމަށް. ޙާއްސަކޮށް އަލަށް މި ވިޔަފާރި ފަށައިގަންނަން އުޅޭ ފަރާތްތަކަށް. އެއީ ގިނަފަހަރު މާލޭގައި ބޭސްވެގެން މިފަދަ ވިޔަފާރިތައް މިފަށައި ގަންނަނީ. ފަށައިގަންނައިރު ކުލި ދެއްކުމާއި ދެން އަޅުގަނޑުމެންގެ ކުރީގެ ޤަވައިދުގެ ދަށުން ވަރަށް ސްޓްރިކްޓް ރިކުއަޔަރމަންޓްތަކެއް ހުރި މިވެނި ގޮތަކަށޭ އޮފީސް ހެދިފައި ހުންނަން ޖެހޭނީ. މިވެނި އުސްމިނެކޭ. ބޭރުގައި ނަންބޯޑެއް ހަރުކޮށްފައި ހުންނަން ޖެހޭނެއޭ. ފެކްސް މެސިނެއް ހުންނަން ޖެހޭނެއޭ. ހަޤީގަތުގައި މި ޤަވައިދުގެ ސަބަބުން މިފަދަ ވިޔަފާރިކުރާ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ." ޚުއްސާން ވިދާޅުވިއެވެ.

ޚުއްސާން ވިދާޅުވީ، މި ސިނާއަތުގެ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާއިން ދިވެހި ކުންފުނިތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަވެފައިވާކަމަށެވެ. އެގޮތުން ބައެއް ފަހަރު ރިސޯޓްތަކުން ބޭރުގެ ޓްރެވެލް އެޖެންޓުންނަށް ދިވެހި ޓްރެވެލް އެޖެންޓުންނަށްވުރެ ކުޑަ ރޭޓްތައް ދިނުމާއި، އޮންލައިން ޓްރެވެލް އެޖެންސީތަކާއި ވާދަކުރުމަށް ދިވެހި ކުންފުނިތަކަށް އުނދަގޫތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭރުގެ ޓްރެވެލް އެޖެންސީތައް ރާއްޖޭގެ ޓެކްސް ނިޒާމުގެ ތެރޭގައި ޓެކްސް ދައްކަން ނުޖެހުމުގެ ސަބަބުންވެސް ދިވެހި ޓްރެވެލް އެޖެންޓުންނަށް އޭގެ ނޭދެވޭ އަސަރުކުރާކަން ސިނާއަތުގެ ފަރާތްތަކުން ފާހަގަކޮށްފައިވާކަމަށް ހުއްސާން ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގާ ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންނަށް އިތުރު ފަސޭޙަތަކެއް ލިބިދޭ ގޮތަށް "ދިވެހިރާއްޖޭގައި ޓޫރިޒަމާއި ގުޅުންހުރި ދަތުރު ރަވައި، ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދު" ގެޒެޓްކޮށްފައިވާއިރު، ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޙާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ މި ޤަވާއިދަށް ސިނާއަތުގެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުމެއްވެސް ބާއްވާފައެވެ.