ޚަބަރު

ކޯވިޑް-19 : ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމާމެދު ވިސްނަނީ


ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމާމެދު ވިސްނަވަމުންގެންދަވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް އެދެވޭ ނަތީޖާއެއް ފެންނަމުން ނުދާކަން ފާހަގަކުރައްވާފައެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޔިމަތު ނަޒްލާ ރަފީޤް ވިދާޅުވީ މިވަގުތު ކޯވިޑް-19ގެ ނުރައްކާ އެންމެބޮޑަށް އޮތް މާލެ ސަރަޙައްދުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.

އެގޮތުން މީހުންގެ ޙާރަކާތްތެރިވުން ވަކި ގަޑިތަކެއްގައި މަގުމަތީގައި ކޮންޓްރޯލްކުރުމަށް ކާފިއު ޢިއުލާންކޮށްފައިވާއިރު މިހާރު އިތުރު އެހެން ފިޔަވަޅުތައް އަޅާފައިވާ ކަންވެސް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. މިއާއެކުވެސް އެދެވޭ އެއްވެސް ނަތީޖާއެއް ފެންނަމުން ނުދާކަމަށާ، ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުންގެ ނިސްބަތް މައްޗަށްގޮސް ނުރައްކާ އިތުރުވަމުންދާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކާފިއު ޢިއުލާންކޮށް ވެހިކަލް ދުއްވުން ކޮންޓްރޯލްކުރީ މަގުމަތީގައި މީހުން ޙަރަކާތްތެރިވުން މަދުކުރުމަށްކަމަށެވެ. އެހެންނަމަވެސް އެގަޑީގައިވެސް މަގުމަތީ އެތައް ބަޔަކު ފައިމަގުގަ އުޅޭކަން ފާހަގަވެފައިވާކަމަށާ، މީގެ ސަބަބުން ޙަގީގަތުގައި އަޅާފައިވާ ފިޔަވަޅުގެ ބޭނުން ނުހިފޭކަމަށް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި ފުލުހުން އެކި ސަރަޙައްދުތަކުގައި މޮނީޓަރކުރައްވަމުން ގެންދަވާއިރުވެސް ޒަރޫރީ ނޫންކަންކަމުގައި އެތައްބަޔަކު މަގުތަކަށް ނިކުންނަކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. އެގޮތަށް ޢަމަލުކުރަމުންދާނަމަ ރާއްޖޭގައި އޮތް ކޯވިޑްގެ ނުރައްކާ އިތުރަށް ބޮޑުވުމުގެ ފުރުސަތު ބޮޑުކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.