ކޯވިޑް-19ގައި ރާއްޖެއިން ގިނަބަޔަކު އެއްފަހަރާ މަރުވެ ބަލީގެ ނުރައްކާ އެންމެ މަތީ ދަރަޖައަށްނުގޮސް ހިފަހައްޓާލެވިފައި އޮތީ ހަމަ ކިރިޔާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ޑރ.ނަޒްލާ ވިދާޅުވީ މިގޮތުގައި މިހަތަނަށް ހިފަހައްޓާލެވުނީ ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުންކަމަށެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖޭގެ ޙާލަތުއޮތީ ވަރަށް ނުރައްކާ ހިސާބެއްގައިކަމަށެވެ. އެހެންނަމަވެސް މިކަމުގެ ސީރިއަސްކަން އަދި ނުރައްކާ އޮތް މިންވަރާމެދު ބައެއް މީހުން ނުވިސްނާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ރާއްޖޭގެ އެންމެންނަށް މިހާރު އެނގޭމިންވަރަށް އެމަޢުލޫމާތު އެކިފަރާތްތަކުން ހާމަކުރަމުން އަންނަކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ މިކަމުގައިހުރި ބިރުވެރިކަން ބައެއް ފަރާތްތަކަށް ވަޒަން ނުކުރެވެނީ ރާއްޖެއިން އެއްފަހަރާ އެތައް ބަޔަކު މަރުވެގެންދާ މަންޒަރު ނުފެންނާތީކަމަށް ބެލެވޭކަމަށެވެ. އަދި އެތައް ބަޔަކަށް ކުއްލި ފަރުވާދޭންޖެހޭ ޙާލަތަކަށްގޮސް އެފަރުވާ އެންމެނަށް ދެވޭނެ އެނދާއި ވަޞީލަތް ނެތިގެން އެތައްބަޔަކަށް ފަރުވާ ނުދެވި ދޫކޮށްލަންޖެހޭފަދަ މަންޒަރު ރާއްޖެއިން ނުފެންނާތީކަމަށް ވެދާނެކަމުގައި ޑރ.ނަޒްލާ ވިދާޅުވިއެވެ.
އެހެންނަމަވެސް އެމަންޒަރު ރާއްޖެއިން ނުފެންނަނީ އެކަން އެގޮތަށް ވިޔަނުދިނުމަށް އެތައް ބަޔަކު ރެއާއި ދުވާލު އެތައް މަސައްކަތެއް ކުރަމުން ގެންދަވާތީކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.
ޑރ.ނަޒްލާ ވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. މިދުވަސްވަރު ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނައިރު ޕޮޒިޓިވްވާ ބައެއް މީހުންގެ ކޮންޓެކްޓުން ސިއްރުކުރަމުންދާކަން ޑރ.ނަޒްލާވަނީ ފާހަގަކުރައްވާވަފައެވެ. މިފަދަ ކަންކަމަކީ ބަލީގެ ނުރައްކާ ބޮޑުވެ ކޮންޓްރޯލް ނުކުރެވޭ ޙާލަތަކަށް ހިނގައިދާނެ ކަންކަން ކަމަށްވާތީ ޑރ.ނަޒްލާވަނީ އެގޮތަށް ޢަމަލުނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވިހި ހާހުން މައްޗަށް އަރާފައި ވާއިރު މިވަގުތުވެސް ރާއްޖޭގެ 4 ރަށަކުން ޕޮޒިޓިވް ކޭސްތައްކެއް ފެނުމާ ގުޅިގެންވަނީ މޮނީޓަރިންގެ ޙާލަތުގައެވެ. އެހެންކަމުން މިބަލިމަޑުކަމުން އަރައިގަތުމަށް ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ދިމާވާ މީހުން އެކަން ސިއްރުނުކޮށް ކަމާބެހޭ ފަރާތްތަކާ އެމަޢުލޫމާތު ހިއްސާކުރުމަށް އެޗްއީއޯސީން އިލްތިމާސްކުރައްވައެވެ.