ވިޔަފާރި

އާމްދަނީއަށް އަސަރު ކުރި ފަރާތްތަކަށް ސަރުކާރުން 292.8 މިލިއަން ރުފިޔާ


ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 292.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އެލަވަންސްއެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 292.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ޖުމްލަ 18534 މީހަކަށް ދޫކޮށްފައިވާ އެލަވަންސްއެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށައެޅުމުގެ އެންމެ ފަހު މަހަކީ މިދިޔަ ޑިސެމްބަރމަހެވެ. އެހެންކަމުން މިހާރު އެލަވަންސް ދޫކުރަމުންދަނީ ޑިސެމްބަރ މަހު އެލަވަންސްއަށް އެދިފައިވާ ފަރާތްތަކަށެވެ.

ކޯވިޑް-19ގެ ސަބަބުން، ނިސްބަތުން އިޤްތިޞާދީ އެންމެބޮޑު ގެއްލުމެއް ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. ކޯވިޑް19 ގެ އެންމެ ދަތި ހާލުގައި ދިވެހިންގެ ގިނަ ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީ ލިބޭނެ ގޮތް ބަންދުވިއެވެ. މީގެ އެންމެ ބޮޑު އަސަރެއްކުރީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

ފަތުރުވެރިކަމަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ އެއް ސިނާއަތެވެ. ނަމަވެސް ފަތުރުވެރިކަން އަލުން ފެށި، އެއިރު ވަޒީފާ ގެއްލުނު ގިނަ ބަޔަކަށް ވަޒީފާ އަލުން ލިބި އާންމު ހާލަތައް މިހާރު ވަނީ ދާންފަށާފައެވެ.