ޚަބަރު

ކޯވިޑް-19 ދިފާޢު: މިއަދު އަތޮޅުތަކުން ވެކްސިންޖެހި މީހުން އިތުރު


ރާއްޖެއިން އިތުރު 5،923 މީހުން ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހައިފިއެވެ. ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ވެކްސިން ޖެހި 5،923 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 111،415އަށް އަރާފައެވެ.

މިދިޔަ 24ގަޑިއިރު ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގެ ސެންޓަރުގަތަކުގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި މުއްދަތުގައި އަތޮޅުތަކުން 3،632މީހުންވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަޙައްދުން ވެކްސިން ޖެހި މީހުންގެ އަދަދަކީ 2،291އެވެ.

މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 36،252އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދަކީ 75،163އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އަޙުމަދު ނާސިރު ވިދާޅުވީ ގިނަ ބަޔަކު ވެކްސިން ޖެހުމަށް ހަފްތާ ބަންދަށް މަދުކުރާކަން ފާހަގަކުރެވޭކަމަށެވެ.

"ފާހަގަކުރެވޭ ހަފްތާގެ ދުވަސްތަކުގައި އަންނަ މީހުންގެ އަދަދު ވަރަށް މަދުކަން. ބުރާސްފައްޗާ ހަފްތާ ބަންދަން އެބަ މަޑުކުރޭ. މިހެން ނަހަދާ ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އަޅުގަނޑުމެން އިލްތިމާސްކުރަނީ." ނާސިރު ވިދާޅުވިއެވެ.

ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 7 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 20 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ނަމަވެސް އުމުރުން 18 އަހަރާ 20 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ޖެހޭނެއެވެ.

ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ. ދެވަނަ ޑޯޒް ޖަހަންޖެހެނީ 8 ހަފްތާ ފަހުންނެވެ.