ޚަބަރު

މުލީ އެއަރޕޯޓާއެކު މުލަކަތޮޅަށް އުންމީދު


ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް އޮތުމަތީ ސަރުކާރުގެ ވަޢުދެކެވެ. މިކަމާ ގުޅޭ ދިރާސާތައްކޮށް، މިގޮތަށް ހުރި ސަރަޙައްދުތަށް ދެނެގަނެ، މި އަމާޒަށް ވާސިލުވުމަށްޓަކައި އެއަރޕޯޓް ތަރައްޤީކުރާނެ ރަށްތަށް މިހާރުވަނީ ސަރުކާރުން ކަނޑައަޅާފައެވެ.

އެގޮތުން އެތެރޭގެ އުދުހުންތަކަށް ޚާއްސަކުރާ އެއަރޕޯޓްތަކުގެ އިތުރަށް، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް އިތުރު ދޮރުތަށް ހުޅުވުމަށްޓަކައި، ވައިގެ ބަނދަރުތަށް ބައިނަލްއަޤްވާމީ ފެންވަރަށް ބަދަލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

ނަމަވެސް މިވަގުތުގެ އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތެވެ. އެގޮތުން މިދިޔަ އަހަރު ސަރުކާރުންވަނީ އިތުރު އެއަރޕޯޓުތަކެއް ތަރައްޤީކުރުމަށް ނިންމާފައިވާކަން އިޢުލާންކޮށްފައެވެ. ސަރުކާރުން އެންމެ އިސްކަމެއް ދެނީ މިހާރު އެއަރޕޯޓްތައް ނެތް ސަރަޙައްދުތަކާއި ދަތުރުފަތުރުކުރުމުގައ ގޮންޖެހުންތައް ހުރި ސަރަޙައްދުތަކުގައި ވައިގެ ބަނދަރު ތަރައްޤީކުރުމަށެވެ.

މިގޮތަށް ހުރި އަތޮޅުތަކުގެ ތެރެއިން ސަރުކާރުން ވައިގެ ބަނދަރު ތަރައްޤީކުރުމަށް ނިންމި އެއް އަތޮޅަކީ މުލަކަތޮޅުއެވެ. މުލަކަތޮޅަކީ އެންމެ އެކަހެރިކޮށް އޮންނަ އެއް އަތޮޅުވެސްމެއެވެ. މުޅި އަތޮޅުގައި ޖުމްލަ 38 ރަށް އޮތްނަމަވެސް، މީގެތެރެއިން މީހުން ދިރިއުޅެނީ 8 ރަށުގައެވެ. މުލަކަތޮޅުގެ އާބާދީ އުޅެނީ 7000އިން މަތީގައެވެ. މިވަގުތު މުލަކަތޮޅުގައި އެންމެ ރިސޯޓެއް ހިންގަމުން އައިނަމަވެސް، ކުރިމަގުގައި ސަރުކާރުގެ އަމާޒަކީ އެއަތޮޅުގައި އޮތް އިތުރު 13 ފަޅުރަށެއް ފަތުރިވެރިކަމަށް ދޫކުރުމެވެ. މިއީ މި ސަރަޙައްދަށް ވައިގެ ބަނދަރެއްގެ މުހިންމުކަން އެންމެ ބޮޑުވާ އެއް ސަބަބުވެސް މެއެވެ. މުލީ އެއަރޕޯޓާއެކުން އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވުމުގެ އުންމީދު ބޮޑެވެ.

މުލީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށޭނެ ދުވަހަކަށް މުޅި އަތޮޅުވެސް އޮތީ އިންތިޒާރު ކޮށްކޮށެވެ.

ސަރުކާރުން މިހާރުވަނީ މިކަމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ)އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި އެމްޓީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މުލީ އެއަރޕޯޓްގައި ހަދަނީ 1200މީޓަރުގެ ރަންވޭއެކެވެ. އެމްޓީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި މިހާރު މުލިން ބިން ހިއްކާފައިވާ ސަރަޙައްދު އިތުރަށް ހިއްކުމާ، ވެލިގަނޑު ޙިމާޔަތްކުރުމަށް ރިވެޓްމަންޓްޖެހުން ހިމެނެއެވެ. އަދި އެއަރޕޯޓްގެ ޚިދުމަތަށް ބޭނުންވާ ޓަމިނަލް ބިލްޑިންގް ހެދުމާ އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއުމުކުރުމަށްވަނީ އެއްބަސްވެފައެވެ.

އެއްބަސްވުން ޤާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މިނިސްޓަރ ވިދާޅުވީ މި ސަރުކާރުގެ 5އަހަރުގެ ދައުރު ހަމަވާއިރު، ސަރުކާރުގެ އަމާޒާ އެއްގޮތަށް ކަނޑައަޅާފައިވާ ހުރިހާ އެއަރޕޯޓްތަކުގެ މަސައްކަތް ނިންމާނެކަމަށެވެ. އެގޮތުން މުލީ އެއަރޕޯޓްގެ މަސައްކަތް އަންނަ އަހަރު ނިންމާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މ.އަތޮޅަކީ ދަތުރުފަތުރުގެ ގޮތުން ބަލާނަމަ މިވަގުތު އެންމެ އެކަހެރިކޮށް އޮންނަ އަތޮޅު. ސަރުކާރުން މި މަސައްކަތްކުރަނީ މިފަދަ ހުރިހާ ސަރަޙައްދުތަކުގައި ވައިގެ ދަތުރުގެ ނިޒާމު ޤާއިމުކުރުމަށް. މުލީގެ މަސައްކަތް 221މިލިއަން ރުފިޔާއަށް، 1އަހަރުން ނިންމާގޮތަށް އެމްޓީސީއާ މި ހަވާލުކުރީ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ މި ޕްރޮޖެކްޓަށް ކަނޑައަޅާފައިވާ 1އަހަރުގެ މުއްދަތުގެ ކުރިން މަސައްކަތް ނިންމުމަށް، އަމާޒު ހިފާފައިވާކަމަށް ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ ރަންވޭއާ ގުޅޭ އީއައިއޭގެ މަސައްކަތް ކުރިއަށްދާއިރު، ޓަރމިނަލް އިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް އެކުއެކީގައި ފަށާނެކަމަށެވެ.

"އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 28ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިންމައި، ޢާއްމުންނަށް ޚިދުމަތް ފެށުމަކީ ކުންފުނީގެ ޢަމާޒު." އާދަމް އާޒިމް ވިދާޅުވިއެވެ.

މ.މުލީ އެއަރޕޯޓްގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައިވަނީ 221،733،478.22 (ދުއިސައްތަ އެކާވީސް މިލިއަން ހަތް ލައްކަ ތިރީސް ތިން ހާސް ހަތަރު ސަތޭކަ ހަތްދިޔަ އަށް ރުފިޔާ ބާވީސް ލާރި)އަށެވެ. މުޅި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 2021ވަނަ އަހަރުގެ ފެބްރުއަރީ 28ވަނަ ދުވަހަށެވެ.