ޚަބަރު

އައްޑޫ ސިޓީގައި ބްރިޖް އެޅުމުގެ ޢަމަލީ މަސައްކަތް މަރޗްމަހު ފަށަނީ


އައްޑޫ ސިޓީ މަގުތަކާއި އެސިޓީގެ ބްރިޖް ހެދުމުގެ ޢަމަލީ މަސައްކަތް މާޗްމަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވެއްޖެއެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ މިމަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ އައްޑޫގައި ތަރައްޤީކުރާ ބްރިޖަކީ އައްޑޫގެ ދުރުރާސްތާ ޕްލޭންގައި ހިމެނޭ މަޝްރޫއެއްކަމަށެވެ. މޭޔަރ ވިދާޅުވީ އައްޑޫގައި ގުޅިފައިވާ ރަށްތަކުގެ ތެރޭގައި މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ސަރަޙައްދު ސިޓީ ހޮޓަލެއްގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާކަމަށާއި، އެސިޓީ ހޮޓެލްއާއެކު ކުރިއަށް އޮތްތަނުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކްރޯޑު ޢާއްމުންނަށް ބޭނުން ނުކުރެވޭނެކަމަށެވެ. އެހެންކަމުން މިހާރުވެސް ގުޅުވާލެވިފައިވާ ރަށްތައް އެގޮތުގައި ބޭއްވުމަށް ބްރިޖެއް އައްޑުއަށް މުހިއްމުކަން މޭޔަރ ޢަބްދުﷲ ޞާދިޤު ފާހަގަކުރެއްވިއެވެ. ބްރިޖް ހެދުމަށްޓަކައި ބޭނުންވާ ސަރވޭއާއި ޕްލޭނިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު އައްޑޫގައި 4 ލޭން ހިމެނޭހެން 1.4 ކިލޯ މީޓަރުގެ ބްރިޖެއް އެޅުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ އައްޑޫ ސިޓީގެ މަގުތައް ހެދުމާއި އައްޑޫގެ ބްރިޖް ހެދުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންއާއި ޙަވާލުކޮށްފައިވާކަމަށެވެ. އަދި މާޗްމަހުގެ ތެރޭގައި އެކުންފުނިން އައްޑޫގައި ޢަމަލީ މަސައްކަތް ފަށާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން އައްޑޫގައި ހުރި ބޮޑެތި ހުރިހާ މަގުތަކެއް ހިމެނޭހެން 40 ކިލޯމީޓަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ. އަދި ހަމައެއާއެކު އައްޑޫގައި ދެވަނަ ލިންކް ރޯޑެއް ނުވަތަ ބްރިޖެއް އެޅުމަށްވެސް ވަނީ ނިންމާފައި ކަމަށް މޭޔަރ ވިދާޅުވިއެވެ.

އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވަނީ 1.19 ބިލިއަން ދިވެހި ރުފިޔާއަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިމަޝްރޫޢުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ފެބްރުއަރީމަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މިމަޝްރޫޢުގެ ދަށުން އައްޑޫގެ މަގުތަކުގައި މަގު ބައްތި ހަރުކޮށް ޓްރެފިކް ނިޝާނާއި ސީސީޓީވީ ކެމެރާ ހަރުކުރުމަށްވަނީ ނިންމާފައެވެ. އަދި މަގުތަކުގެ މަސައްކަތް ނިމޭއިރު އައްޑޫގައި އޮތް ނަރުދަމާގެ މައްސަލައާއި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަވެސް ޙައްލުވެގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލެ ސިޓީއަށްފަހު ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް ސިޓީއަކީ އައްޑޫ ސިޓީއެވެ. ގާތްގަނޑަކަށް ތިރީހަކަށްހާސް މީހުން ދިރިއުޅޭ އައްޑޫ ސިޓީގެ ތަރައްޤީއަކީ ކޮންމެ ސަރުކާރެއްގެވެސް ސަމާލުކަމާ ގުޅިފައިވާކަމެކެވެ. އެހެންނަމަވެސް އާބާދީ ބޮޑު އަދި ބިން ބޮޑު މިސިޓީގެ ތަރައްޤީގެ ސްޕީޑު ލަސްވުމަކީ މުޅި ސިޓީގެ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެހެންނަމަވެސް އައްޑޫގައި ތަރައްޤީގެ އެކި މަޝްރޫޢުތައް މިއަހަރުގެ ފުރަތަމަ ދެކުއާޓަރގައި ފެށިގެން އަންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވަނީ ދެއްވާފައެވެ.