ތިމާވެށި

ތުރާކުނުގެ ފެނާއި ނަރުދަމާ ނިޒާމް ބެލެހެއްޓުން ފެނަކައަށް


ހއ. ތުރާކުނުގައި އަމިއްލަފަރާތެއްގެ އެހީގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.އަމިއްލަ ފަރާތެއްކަމަށްވާ އަލިފުޅު ތުއްތު ފައުންޑޭޝަނުން 38 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައި ވަނީ މިއަދު ތިމާވެއްޓާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުއްލަތީފާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލެވެ. މިއަދުގެ ރަސްމިއްޔާތުގައި ނިމާލް ވިދާޅުވީ ފެނަކައަށް ލިބިގެންމިދިޔަ ފަނާއި ނަރުދަމާގެ ނިޒާމަކީ ވަރަށްވެސް ފުރިހަމައަށް ޤާއިމްކުރެވިފައިވާ ނިޒާމެއްކަމަށެވެ. އަދި ރަށުގެ ރައްޔިތުން ބޭނުންވާފަދަގޮތަކަށް މި ނިޒާމް ބަލަހައްޓައިދޭނެކަމުގެ ޔަޤީންކަން ނިމާލް ދެއްވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ތުރާކުނު ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުގައި ޤާއިމްކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމުގައި ފެނަކަ ކޯޕަރޭޝަނަށް ގިނަ ލުއިފަސޭހަތަކެއް އިންތިޒާމް ކުރެވިފައި ހުންނާނެކަމަށެވެ. އަދި ކައުންސިލުން ބޭނުންވާފަދަ ފެންވަރަކަށް އެމަސައްކަތް ނުކުރެވިއްޖެނަމަ ތިމާވެއްޓާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، މަސައްކަތް އަނބުރާ ނެގޭނެ އުސޫލުތަކެއްވެސް ކަނޑައެޅިފައިވާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.