ޚަބަރު

ގްރޭޑް 8 ވެސް އޮންލައިން، އިތުރު 2 ހަފްތާއަށް ސްކޫލްތައް ބަންދު


މާލޭ ސަރަހައްދުގައި ގްރޭޑް 8 ގެ ދަރިވަރުންނަށްވެސް އޮންލައިކޮށް ކިޔަވާދޭން ނިންމާ އިތުރު ދެހަފްތާއަށް ސްކޫލްތައް ބަންދުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

މާލޭ ސަރަހައްދުގައި ކޯވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވުމުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން މިމަމަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ބައެއް ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މިގޮތުން ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 6 އާއި ހަމައަށް ކިޔަވާ ދެމުން އައީ އޮންލައިކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިދުވަސްވަރު ކޯވިޑް ކޭސްތައް މާލެ ސަރަހައްދުގައި ހަލުވިކަމާއި އެކު ފެތުރެމުން ދިއުމާއިއެކު މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭކަމަށެވެ. ބަލި ފެތުރޭ މިންވަރާއި ޚާލަތަށް ބަލައި ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭގެ ލަފާގެ މަތިން ކުރިޔަށް އޮތް ދެ ހަފްތާގައިވެސް އޮންލައިންކޮށް ސްކޫލްތަކުގެ ކިޔެވުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

މިގޮތުން މިމަހުގެ 28 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 11ގެ ނިޔަލަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލްކޭޖީން ފެށިގެން ގްރޭޑް 8 އާއި ހަމައަށް ކިޔެވުން ކުރިޔަށް ގެންދާނީ އޮންލައިންކޮށްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މީ މާލޭ ސަރަހައްދުގެ ސްކޫލްތައް ކިޔެވުން އޮންލައިންކޮށް ބަދަލުކޮށް ކުދިން ސްކޫލަށް ނުނެރެން ނިންމި ތިންވަނަ ފަހަރެވެ. ކޯވިޑް ކޭސްތައް މަދުވުމުން ދަރިވަރުން ސްކޫލަށް ނެރި ކިޔަވާދޭން ފެށީ ޖެނުއަރީ މަހުގެ 10 ވަނަދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް މާލޭގައި ކޯވިޑް ކޭސްތައް އިތުރުވާން ފެށުމުން ސްކޫލްތައް ހުޅުވިތާ މަހެއް ނުވަނީސް އަނެއްކާވެސް ބަންދުކުރި ގޮތަށް އަދިވެސް ހުރީ ބަންދުކޮށްފައެވެ.

ސްކޫލްތައް ހުޅުވީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކުއެވެ. އެގޮތުން ދަރިވަރުންނާއި ޓީޗަރުން މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، ގައިދުރުކަމަށް އިސްކަންދިނުމަށްޓަކާ ސްކޫލުތަކުގައި ވަނީ މާކުތައް ކުރަހާފައެވެ. އަދި އަތްދޮވެވޭނެ އިންތިޒާމާއި، ސެނިޓައިޒްކުރެވޭނެ އިންތިޒާމްވެސް ސްކޫލުތަކުގައި ހަމަޖައްސާފައިވެއެވެ. ހަމައެހެންމެ ދަރިވަރުންނާއި މުދައްރިސުން ސްކޫލަށް ވައްދަނީ ހަށިގަނޑުގެ ފިނިހޫނުމިންވެސް ބެލުމަށް ފަހުގައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ސްކޫލްތަކުގެ ދަރިވަރުން ސްކޫލްތަކަށް ނެރި ކިޔަވާދޭން ފެށުމަކީ އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވާ ގޮތެވެ. އަދި ސްކޫލްތަކަކީ ރައްކާތެރި މާހުލެއްގެ ގޮތުގައި ހައްދަވާނެކަމަުގެ ޔަޤީންކަންވެސް އެޑިއުކޭޝަން މިނިސްޓަރ ވަނީ ދެއްވާފައެވެ. އެހެންނަމަވެސް ރާއްޖޭގާއި ކޯވިޑް ނަމްބަރުތައް 50 ތިރީގައި ހުރުމަށްފަހު މި އަހަރާއި އެކު އެއަދަދުތައް ވަނީ އެތައް ގުނައެއް މައްޗަށް އަރާފައެވެ. އަދި ސަތޭކައިން މިއަދަދު ތިރި ނުވެ ހުންނަތާ މިވަނީ ގާތްގަޑަކަށް ދެ މަހާއި ގާތްކޮށްފައެވެ. މި ސަބަބާއި ހުރެ މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ރޭގަނޑު ފެށިގެން މި ސަރަހައްދުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ.