ދުނިޔޭގެ ވިޔަފާރި

ކަންޓަސްއިން ބައިނަލްއަޤްވާމީ ދަތުރުތައް ފަށާނީ އޮކްޓޫބަރުމަހު


އޮސްޓްރޭލިއާގެ ކަންޓަސް އެއަރވޭސްއިން ބައިނަލްއަޤްވާމީ ދަތުރުތައް ފަށާނީ އޮކްޓޫބަރުމަހުގެ ފަހުކޮޅުކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

އޮސްޓްރޭލިއާގެ ކަންޓަސް އެއަރވޭސްގެ ބައިނަލްއަޤްވާމީ ދަތުރުތައް ކޯވިޑްއާ ގުޅިގެން ހުއްޓާލައި، ބޯޓުތައް ގްރައުންޑްކޮށްފައި ވަނީ މިދިޔަ މާޗުމަހުއެވެ. އެކަމުގެ ސަބަބުން މިދިޔަ އަހަރުގެ ފަހު 6 މަސް ދުވަހު އެއަރލައިނަށް ލިބުނު އާމްދަނީ ވަނީ 75 އިންސައްތަ ދަށަށް ގޮސްފައެވެ.

ކަންޓަސްއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2019 ވަނަ އަހަރު އެއަރލައިނަށް 614 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނުއިރު، މިދިޔަ އަހަރު އެއަރލައިނަށް ވަނީ 821 މިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވެފައެވެ. އެއަރލައިނަށް ލިބުނު ގެއްލުމާއި ގުޅިގެން 8500 މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެއަރލައިންގެ ޚަރަދުތައް ވަނީ ކުޑަކޮށްފައެވެ.

ކަންޓަސްގެ ބައިނަލްއަޤްވާމީ ދަތުރުތައް ޖުލައިމަހުގެ 1 ވަނަ ދުވަހު ފެށުމަށް މަސައްކަތްކުރިނަމަވެސް، އޮކްޓޫބަރުމަހު ދަތުރުތައް ފެށުމަށް މިހާރު ނިންމާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ކަންޓަސް އެއަރވޭސްއިން ބުނީ ބައިނަލްއަޤްވާމީ ދަތުރުތައް އަލުން ފެށުމަށް އޮސްޓްރޭލިއާގެ ސަރުކާރާއެކީ މަޝްވަރާކުރަމުންދާކަމަށެވެ. އަދި އޮސްޓްރޭލިއާގައި މިހާރު ކޯވިޑަށް ވެކްސިން ދޭން ފަށާފައިވުމާއެކު، އޮކްޓޫބަރުމަހުގެ ފަހުކޮޅު ބައިނަލްއަޤްވާމީ ދަތުރުތައް ފެށޭނެކަމަށް ލަފާކުރެވޭކަމަށް ކަންޓަސްގެ އޮފިޝަލުން ބުނެއެވެ.

އޮކްޓޫބަރުމަހުގެ ފަހުކޮޅު ކަންޓަސްގެ ދަތުރުތައް އަލުން ފަށާއިރު، އެ އެއަރލައިނުން ދަތުރުކުރާ 25 މަންޒިލެއްގެ ތެރެއިން 22 މަންޒިލަކަށް ދަތުރުތައް ފަށާނެކަމަށް އޮފިޝަލުން ބުނެއެވެ.