ޚަބަރު

ކޯވިޑް-19 ދިފާޢު: އަތޮޅުތަކުން މިއަދު 1000އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފި


ކޯވިޑް-19އިން ދިފާޢުވުމަށްޓަކައި ޖަހާ ވެކްސިން މިއަދު އަތޮޅުތަކުން ހާހަކަށްވުރެ ގިނަ މީހުން ޖަހައިފިއެވެ. ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޢަދަދު މިވަނީ 99419 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށްދޭ ވެކްސިން 1108 މީހުން ޖަހާފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ ލައްކައަކާ ކައިރިކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަކީ 99419އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުންނެވެ. މިގޮތުން އަތޮޅުތަކުން މިއަދު 1108 މީޙުން ވެކްސިން ޖެހުމާއެކު އަތޮޅޫތަކުން ވެކްސިން ޖެހި މީހުންގެ އަދަދުވަނީ 29694އަށް އަރާފައެވެ. އަދި މާލެ ސަރަހައްދުގައި މިހާތަށް ވެކްސިން ޖެހި މީހުންގެ އަދަދަކީ 69725 އެވެ.
ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ7 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ. ރައްޖޭގައި އަދި ދެމުންދަނީ ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. ވެކްސިންގެ ޑޯޒް ހަމަކުރެވޭނީ ދެ ޑޯޒް ޖަހައިގެންނެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ 8 ހަފްތާ ފަހުންނެވެ.

ކޯވިޑް-19 ވެކްސިން މިހާރު އަންނަނީ ޢުމުރުން 18 އަހަރުން މަތީގެ ހައިރސްކް މީހުންނަށްވެސް ދެމުންނެވެ. އަދި އުމުރުން 25 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށްވެސް ވެކްސިން ޖެހޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މީގެ 200،000 ޑޯޒް ވެކްސިން އިންޑިއާއިން ރާއްޖެއަށްވަނީ ހަދިޔާކޮށްފައެވެ.