ޚަބަރު

ވެކްސިންގެ ސަބަބުން ބަލީގައި ބޮޑުވަރުވާ މިންވަރު %100 ކުޑަކޮށްދޭ


މިޖީލުގައި ކުރިމަތިވި އެންމެ ބޮޑު ސިއްޙީ ބަލިމަޑުކަމަކީ ކޯވިޑް-19އިގެ ބަލިމަޑުކަމެވެ.

މިހާތަނަށް 219 ޤައުމަކުން 113 މިލިއަނަށްވުރެ ގިނަ މީހުން މިބަލީގެ ޝިކާރައަކަށްވެފައިވާއިރު 2.5 މިލިއަނަށްވުރެ ގިނަ މީހުންވަނީ މިބަލީގައި މަރުވެފައެވެ. މިބައްޔާމެދު މުޅި އިންސާނިއްޔަތު ބިރުގަނެ ހާސްވެފައިވަނިކޮށް ފުރަތަމަ ފަހަރަށް ބަލިން އަރައިގަތުމަށް ވެކްސިން އަންނަކަމުގެ އުފާވެރި ޚަބަރު ލިބިގެންދިޔައީ ނިމިދިޔަ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައެވެ. ހަގީގަތް މުޅިން ނޭނގޭ ބައްޔަކާ ދެކޮޅަށް ދުނިޔޭގެ ސިއްޙީ ނިޒާމުން ކުރަމުން ދިޔަ ހަނގުރާމައިގައި އެނިޒާމު އެއްކޮށް ވަރުބަލިވާން ފަށާފައިވަނިކޮށް ސައިންސްވެރިން ވެކްސިން ޓެސްޓުކުރަން ފެށުމާއެކު ސިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ބައްޔާދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައިގައި އިތުރު ދިރުމެއް ލިބިގެންދިޔައެވެ. އާޢަޒުމަކާ އިތުރު ހިތްވަރަކާއެކު ބައްޔާދެކޮޅަށް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ސިއްޙީ ދާއިރާގައި ޙަރަކާތްތެރިވަމުންދިޔަ އެކި ފަރާތްތަކުން އުއްމީދުކުރަމުން ދިޔައީ ވެކްސިނަށެވެ.

މިވަގުތު ދުނިޔޭގެ 100އަށްވުރެ ގިނަ ޤައުމުގައި 225 މިލިއަނަށްވުރެ ގިނަ ވެކްސިން ޑޯޒްވަނީ ދެވިފައެވެ. އެހެން ޤައުމުތަކެކޭ އެއްފަދައި ރާއްޖޭގައިވެސް ވެކްސިން ޕްރޮގްރާމްގެ ދަށުން ލައްކައަކާއި ގާތްކުރާ ޢަދަދަކަށް ވެކްސިންވަނީ ދީފައެވެ. ވެކްސިންއަކީ މިބައްޔަށް އޮތް ފަރުވާކަމަށް ޑޮކްޓަރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ، ޑރ.މުޙައްމަދު ޢަލީ ވިދާޅުވަނީ ވެކްސިންގެ ސަބަބުން ބަލީގައި ބޮޑުވަރުވެ އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ފަދަ ޙާލަތަކަށް ދިޔުން 100 އިންސައްތަ ރައްކާތެރިކޮށްދޭކަމަށެވެ. އެހެންކަމުން ބަލީގައި ނުރައްކާ ޙާލަތަކަށްގޮސް ޢާއިލާއާއި ދަންނަ އެންމެނާއި ދުރުގައި އޮންނަންޖެހުމަށްވުރެ ވެކްސިން ޖެހުން މާ ބުއްދިވެރިއެވެ.

ވެކްސިންގެ ސަބަބުން މީހުންގެ ޑީއެންއޭ ބަދަލުވުމާއި މިނޫންވެސް ވެކްސިނާއި ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު އެތައް ވާހަކަތަކެއް މިދުވަސްވަރު ފެތުރެމުން އަންނައިރު އެކަންކަމަށް ސަމާލުވުމަށް ސިއްޙީ މާހިރުން ގެންދަވަނީ ނަސޭޙަތްތެރިވަމުންނެވެ. އެގޮތުން ކޯވިޑް-19އިން ރައްކާތެރިވުމަށްދޭ ވެކްސިންގެ ސަބަބުން އެހެން ބަލިތަކަށް މަގުފަހިވާކަމަށް ދެކެވޭ ވާހަކަތައް ޑަބްލިއުއެޗްއޯއާއި ދިވެހި ޑޮކްޓަރުންވެސް ގެންދަވަނީ ދޮގުކުރައްވަމުންނެވެ. އަދި މިބަލިން އަރައިގަތުމަށް އެންމެ ފުރަތަމަ ވެކްސިން ޖެހި މީހުންގެތެރޭގައި ޑޮކްޓަރުން ހިމެނުމަކީވެސް ވެކްސިނާމެދު އޮތް އިތުބާރު ބޮޑުވެގެންދިޔަކަމެކެވެ. ނުރައްކަލެއް އޮތްނަމަ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެކަމެއް ހާމަކޮށްދޭނެއެވެ. އެހެންކަމުން ވެކްސިނާމެދު ހާސްނުވާށެވެ. ވެކްސިނަށް އިތުބާރުކުރާށެވެ. ވެކްސިން ޖަހާށެވެ.