ޚަބަރު

އެޗްޕީއޭގެ މިންގަޑާއި ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ޖާގަ ނުދެވޭނެ: ހޯމް މިނިސްޓްރީ


ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވެސް ބަޔަކަށް، އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފަށް މާލޭގައި ހިންގާ ހަރަކާތްތައް ހުއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން ވިދާޅުވީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްޚީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ.

ސިއްޚީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކުރުމެއްނެތި، ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށާއި އެގޮތަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިކަމުގައި ސިޔާސީ ޕާޓީތަކަށްވެސް ރައްޔިތުންގެ އާންމު ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޒިންމާދާރުވުމަށް ވަނީ ގޮވާލާފައެވެ.

ކޯވިޑް-19ގެ ކޭސްތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެ ބަލީގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކުގައި ގައިދުރުކަމެއްނެތި، ޞިއްޚީ ބޭފުޅުން ދެއްވާފައިވާ އިރުޝާދުތަކާއި ޚިލާފަށް އަމަލުކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ ފާޅުކޮށްފައެވެ.