ކޯވިޑް-19އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް އެޗްއީއޯސީން ހާމަކުރައްވައިފިއެވެ. ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ ކޯވިޑްގެ 3 ވަނަ ރާޅުގެ ސަބަބުން ބަލީގައި މީހުން އެޑްމިޓްކުރުމުގައި ބަލާ މިންގަނޑުވެސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަދަލުގެންނަން ޖެހިފައިވާކަމަށެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ކޯވިޑް-19ގެ ތިންވަނަ ރާޅެއް ކުރިމަތިވެފައިވާއިރު ކުރިއަށްވުރެ މިފަހަރުގެ ނުރައްކާ ބޮޑުކަމަށެވެ. އެގޮތުން މިފަހަރު އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް ކޭސްތައް މަދުވެގެން އަންނަތަން ނުފެންނަކަމުގެ ކަންބޮޑުވުން ޑރ.ޝަހީދު ވަނީ ފާޅުކުރައްވާފައެވެ. އަދި ކޯވިޑް-19އަށް ހުރި އެނދުތައް މިހާރު ފުރި މިކަމުގެ ނުރައްކާ ބޮޑުވަމުން އަންނައިރުވެސް ޢާއްމުންގެ ފަރާތުން ފެނިގެންދަނީ އާދައިގެ ރޯގާއެއް ފެތުރެމުންދާއިރު ފެންނަ ފަދަ އުޅުމެއްކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ. އެކަން ބަދަލުކޮށް މިވަގުތު އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ނުކޮށްފިނަމަ ބަލީގެ ނުރައްކާ ބޮޑުވެގެންދާނެކަމުގެ ބިރުވެސް ބޮޑުވަމުން އަންނަކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
"ވެހިކަލް ދުއްވުން މަނާކުރުމުންވެސް މީހުންގެ މޫވްމަންޓްކަށް ބަދަލެއް އައިސްފައެއް ނުވޭ. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ހައިރިސްކް އެކްޓްގެ ގޮތުގައި ބަލާ ކެފޭ ރެސްޓޯރެންޓުތަކުގައި ކައިބޮއެ ހެދުމަށްފަހުވެސް އެތައް އިރެއްވަންދެން މީހުން މާސްކާއި ގައިދުރުކަމެއް ނެތި ތިބޭކަން. އަދި ބޭރުގައިވެސް ގިނަ މީހުން އެއްވެ އުޅޭކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ."ޑރ.ޝަހީދު ވިދާޅުވިއެވެ.
ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.ޝަހީދުވަނީ ކޯވިޑްގެ ނުރައްކާ ބޮޑުވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ ޢަދަދު ވަރަށް ބޮޑުތަނުން އިތުރުވެ އެނދުތައް ފުރެމުން އަންނާތީ އެކަމުގެ ކަންބޮޑުވުންވެސް ތަކުރާރުކުރައްވާފައެވެ. މިކަމާ ގުޅިގެން އެޑްމިޓްކުރާއިރު ބަލާ މިންގަނޑު ބަދަލުކުރަންޖެހިފައިވާކަމަށްވެސް ޑރ.ޝަހީދު ވިދާޅުވިއެވެ.
ކޯވިޑުގެ ތިންވަނަ ރާޅުގައި ވޭތުވެ ދޮޅުމަހެއްހާދުވަހުގެ ތެރޭގައި ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން ބޮޑެތި ފިޔަވަޅުތަކާއެކުވެސް ވޭތުވެދިޔަ 4 ހަފްތާގެތެރޭގައި އެވްރެޖްކޮށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ހުރީ 900އަށް ވުރެ މަތީގައެވެ.
ޖެނުއަރީމަހުން ފެށިގެން ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދުވެސް 5 އިންސައްތައަށްވުރެ މަތީގައި ހުރިއިރު ފްލޫ ކްލިނިކްތަކަށް ގޮސްގެން ޓެސްޓުކުރާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެފައިވާތީ އެކަމުގެ ކަންބޮޑުވުން އެޗްއީއޯސީއިންވަނީ ފާޅުކުރައްވާފައެވެ. ބަލީގެ ނުރައްކާ މިވަގުތު ބޮޑުވެފައިވާއިރު މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްގެން ނުވަތަ ލޮކްޑައުންއަކަށް ދާންޖެހުމުގެ ފުރުސަތު ބޮޑުވަމުން އަންކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.