ޚަބަރު

ބްރޯޑްކޮމްއަށް ފަޒީންއާއި، ޝިފްޒާގެ ނަން ތަޅުމަށް ފޮނުވަން ފާސްކޮށްފި


މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރި ނަންތަކުގެ ތެރެއިން 2 ނަމެއް ތަޅުމަށް ފޮނުވުމަށް ފާސްކޮށްފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް 11 ނަމެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ. މިމައްސަލަ ދިރާސާ ކުރެއްވި މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީން ވަނީ މިބޭފުޅުންނާއި އިންޓަރވިއުކޮށް ޤާނޫނީ ގޮތުން ހޯދަންޖެހޭ މައުލޫމާތުވެސް ހޯދާފައެވެ.

އެގޮތުން ކޮމިޓީން ތަޅުމަށް ފޮނުވުމަށް ފާސްވެފައިވަނީ ދެ މީހެއްގެ ނަމެވެ. ތަޅުމަށް ފޮނުވުމަށް ފާސްވެފައިވަނީ ރާއްޖެ ޓީވީގައި މިހާރު މަސައްކަތް ކުރަމުންދާ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމާއި، ވީޓީވީގައި މަސައްކަތް ކުރައްވާފައިވާ ޝިފްޒާ މުސްތަފާގެ ނަމެވެ.

މިރިޕޯޓް މަޖިލީހަށް ހުށަހަޅައި ނަންތަކަށް މިހަފްތާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނެކަމަށް ބެލެވެއެވެ. ކޮމިޓީން ތަޅުމަށް ނަންތައް ފޮނުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން މަޖިލީހަށް ނަންތައް ފޮނުވި ތަރުތީބުންނެވެ. މަޖިލީހުގައި ވޯޓަށް އަހާއިރު ފުރަތަމަ ނަމަށް ފާސްވާ އަދަދަށް ވޯޓު ލިބިއްޖެނަމަ ދެވަނަ ނަމަށް ވޯޓަށް ނާހާނެއެވެ.