ޚަބަރު

ކޯވިޑް-19 : އިތުރު 184 މީހުން ޕޮޒިޓިވް، މާލެއިން އެކަނިވެސް 145


ރާއްޖެއިން އިތުރު 184މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޢަދަދުވަނީ 19،346އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 184 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 145 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 10 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 24 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 19،346އަށް އަރާފައެވެ.

ވޭތުވެދިޔަ 24ގަޑިއިރު 192 މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވިމީހުންގެ ޖުމްލަ ޢަދަދުވަނީ 16،838އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،441 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 162 މީހުންނަށްދަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،993 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދުވެސް މިވަނީ 510،506 އަރާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 60 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި 8 ބިދޭސީންނެވެ.