ދުނިޔޭގެ ވިޔަފާރި

ފޭސްބުކްއިން ކުރިއަށްއޮތް 3 އަހަރުތެރޭގައި ނޫސްވެރިކަމަށް 1 ބިލިއަން ޑޮލަރު


ފޭސްބުކްއިން ކުރިއަށްއޮތް 3 އަހަރު ދުވަހުގެ ތެރޭގައި ނޫސްވެރިކަމަށް 1 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުންފުނިކަމަށްވާ ފޭސްބުކްއިން މިކަން ހާމަކޮށްފައި މިވަނީ، ފޭސްބުކް މެދުވެރިކޮށް ޝެއަރކުރާ ޚަބަރުތައް އުފައްދާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ފޭސްބުކްގެ ހެޑް އޮފް ގްލޯބަލް އެފެއާޒް ނިކް ގްލެގް ވިދާޅުވީ ނޫސްވެރިންނާއި މީޑިއާތަކަކީ މުޖްތަމަޢެއްގެ ކުރިއެރުމާއި ފާގަތިކަމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށާއި އެފަރާތްތަކަށް އެހީތެރިވާން ފޭސްބުކްއިން އަބަދުވެސް އޮންނާނީ ތައްޔާރަށްކަމަށެވެ. ނަމަވެސް މަޖުބޫރުކޮށްގެން ވަކި ބަޔަކު އުފައްދާ ކޮންޓެންޓްއަށް ފައިސާ ދެއްކުމަށް ފޭސްބުކްއަށް މަޖުބޫރުކުރުމާއި ދެކޮޅުކަމަށް އޭނާ ވިދާޅުވިއެވެ.

ފޭސްބުކް މެދުވެރިކޮށް ޝެއަރކުރާ ޚަބަރުތައް ތައްޔާރުކުރާ މީޑިއާތަކަށް ފައިސާ ދިނުމަށް މަޖުބޫރުކުރުމާއި ދެކޮޅަށް ފޭސްބުކް އަޑުއުފުލަމުންދާއިރު، އޮސްޓްރޭލިއާއިން ވަނީ ޓެކް ކުންފުނިތަކުން މީޑިއާތަކަށް ފައިސާ ދިނުމަށް މަޖުބޫރުވާފަދަ ޤާނޫނެއް ފާސްކޮށްފައެވެ. އެޤާނޫނުގެ ދަށުން ސޯޝަލް މީޑިއާގައި ޝެއަރކުރާ ޚަބަރު ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ޓެކް ކުންފުނިތަކުން ފައިސާ ދޭންޖެހެއެވެ. ޤާނޫނު ފުރަތަމަ އޮތްގޮތުން ފައިސާ ހޯދުމަށް ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ފައިސާ ދޭންޖެހޭއިރު، އެކަމާއި ގުޅިގެން ފޭސްބުކްއިން ވަނީ އޮސްޓްރޭލިއާގެ ނިއުސް ޕޭޖްތައް ފޭސްބުކްއިން ނުފެންނަ ގޮތްވެސް ހަދާފައެވެ. ނަމަވެސް ޤާނޫނަށް ގެނައި ބަދަލާއެކު، ފޭސްބުކްގެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

އޮސްޓްރޭލިއާއިން ފާސްކުރި ޤާނޫނު މިހާރު އޮތްގޮތުން ފޭސްބުކްފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކުން ދެމެހެއްޓެނިވި ގޮތެއްގައި އޮސްޓްރޭލިއާގެ މީޑިއާ އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، މީޑިއާތަކާއެކު ކޮމާޝަލް އެގްރިމަންޓްތައް ހެދުމަށް ވަނީ ލާޒިމްކޮށްފައެވެ. މިޤާނޫނާއެކު ފޭސްބުކްއިން މިހާރު ވަނީ އޮސްޓްރޭލިއާގެ އެންމެ ބޮޑު އެއް މީޑިއާކަމަށްވާ ސެވަން ވެސްޓް މީޑިއާއާއެކު އެގްރިމަންޓެއްގައި ސޮއިކޮށްފައެވެ. އަދި ގޫގުލްއިންވެސް ވަނީ އޮސްޓްރޭލިއާގެ ބޮޑު 2 މީޑިއާއަކާއެކު ޕާޓްނަރޝިޕްތައް ހަދާފައެވެ.

އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން މިފަދަ ޤާނޫނެއް މުހިއްމުވީ، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ސަބަބުން މީޑިއާތަކަށް އިޝްތިހާރުގެ ގޮތުގައި ލިބެމުންދާ އާމްދަނީއަށް ބޮޑު އަސަރެއް ކުރަމުންދާތީއެވެ. އެގޮތުން މިދިޔަ އަހަރުތަކުގައިވެސް އިޝްތިހާރު އާމްދަނީގެ ގޮތުގައި މީޑިއާތަކަށް މާބޮޑު އާމްދަނީއެއް ނުލިބޭއިރު، ޑިޖިޓަލްޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުމަށް ގިނަ ބަޔަކު ޚަރަދުކުރަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ފޭސްބުކުން ބުނާގޮތުން، އެޕްލެޓްފޯމްގައި ޚަބަރާއި އެހެނިހެން ކޮންޓެންޓް ޝެއަރކޮށްގެން މީޑިއާތަކަށް ލިބޭ ފައިދާ މާބޮޑެވެ. އެގޮތުން މިދިޔަ އަހަރުވެސް 400 މިލިއަން އޮސްޓްރޭލިއާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ފޭސްބުކް މެދުވެރިކޮށް އޮސްޓްރޭލިއާގެ މީޑިއާތަކަށް ލިބުނުކަމަށް ފޭސްބުކްއިން ބުނެއެވެ.