ރާއްޖެއިން ކޯވިޑް-19އަށް ވެކްސިންޖެހި މީހުންގެ ޢަދަދު 90،000އިން މައްޗަށް އަރައިފިއެވެ. ވޭތުވެދިޔަ 24ގަޑިއިރު 5،700އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށްދޭ ވެކްސިން 5،755 މީހުން ޖަހާފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 90،865އަށް އަރާފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ވެކްސިންޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 3،123 މީހުންނާ، އަތޮޅުތަކުގެ ސެންޓަރުތަކުން ވެކްސިން ޖެހި 2،632މީހުންނެވެ.
މިއާއެކު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 64،900 އަށް އަރާފައެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ އަދަދުވަނީ 25،965 އަށް އަރާފައެވެ. ވޭތިވެދިޔަ 24 ގަޑިއިރު މާލޭގެ 9 ސެންޓަރުގައި ވެކްސިން ދިނުމުގެ ޚިދުމަތްދީފައިވެއެވެ. އަދި އަތޮޅުތަކުގެ 169ސެންޓަރެއްގައި ވެކްސިން ދީފައިވެއެވެ.
ރާއްޖޭގައި ވެކްސިން ދޭން ފެށިތާ 3 ހަފްތާވަނީ ވެފައެވެ. ރައްޖޭގައި އަދި ދެމުންދަނީ ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. މިހާތަނަށް ރާއްޖޭގެ 500،000 މީހުންގެ އާބާދީގެ %17އަށް މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ 8 ހަފްތާ ފަހުންނެވެ.
ކޯވިޑް ވެކްސިން ފުރަތަމަ ފްރަންޓް ލައިންގައި މަސައްކަތްކުރާ މީހުންނަށް ދިންނަމަވެސް މިހާރު އަންނަނީ އުމުރުން 18 އަހަރުން މަތީގެ ހައިިރސްކް މީހުންނަށްވެސް ވެކްސިން ފޯރުކޮށްދެމުންނެވެ. އަދި އުމރުުން 25 އަހަރުން މަތީގެ އެންމެނަަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށްވެސް ވެކްސިން ޖެހޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މީގެ 100،000 ޑޯޒް ރާއްޖެއަށްވަނީ ހަދިޔަކޮށްފައެވެ. އަދި އިންޑިއާއިން މިހާރު މިވަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.