ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ކޯވިޑް-19އިގެ ވެކްސިން ދޭން ފަށައިފިއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ލިޔެެކިޔުން ނެތް މީހުންނަށް މިއަދު އިސްލާމީ މަރުކަޒުގައި ވެކްސިން ދޭން ފަށާފައިވާއިރު ވެކްސިން ޖެހުމަށް ދިވެހި ރެޑްކްރެސެންޓުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 20ވަނަ ދުވަހުގައެވެ.
ރެޑްކްރެސެންޓުންވަނީ ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށްޓަކައި އެޕޮއިންޓްމަންޓް ހެދުމަށް 3307665 ގުޅުމަށް އިލްތިމާސްކޮށްފައެވެ.
Vaccination for undocumented migrants begins today!
— Maldivian Red Crescent (@maldivianrc) February 24, 2021
An incredible milestone in the #COVID19 immunisation work to ensure #VaccineEquity and to #LeaveNoOneBehind.
We are proud to support the State's commitments to vaccinate everyone, including migrants, in the Maldives. pic.twitter.com/9GS7bk8QnG
ރާއްޖޭގައި ވޯކްޕަރމިޓްގައި މަސައްކަތްކުރާ ބިދޭސީންނެކޭ އެއްފަދައިން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީންނަށްވެސް ވެކްސިން ދިނުމުގެ އިންތިޒާމް މިހާރު މިވަނީ ހަމަޖައްސާފައެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ އާބާދީއަކީވެސް ނިސްބަތުން ގިނަ އާބާދީއެއްކަމުން، އެ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދިވެހި ރެޑް ކްރެސެންޓުގެ ބެނިފިޝަރީ ސިސްޓަމްގައި އެފަރާތްތައް ރަޖިސްޓްރީކޮށްގެންނެވެ. އަދި މިކަން ކުރުމުގައި މައިގަނޑު ވިސްނުމަކީ އެޕޮއިންޓްމަންޓް އުޞޫލުން ދުވާލަކު 250 މީހުން ރަޖިސްޓްރީކުރުން ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. އަދި ޑޮކިއުމެންޓޭޝަން ނެތި އުޅޭ ފަރާތްތަކަށް ބިދޭސީން ގެންގުޅޭ ކުންފުނިތައް މެދުވެރިކޮށްވެސް ރަޖިސްޓްރީވެ ވެކްސިން ޖެހޭނެ ކަމަށް ރެޑްކްރެސެންޓުން މަޢުލޫމާތުދެއެވެ.
ރެޑް ކްރެސެންޓުން އަންނަނީ ޤަވާޢިދާ ޚިލާފަށްއުޅޭ ބިދޭސީންނަށް ރަޖިސްޓްރޭޝަންގެ ކަންކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނައިރު އޭގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބީދޭސީންވެސް އުޅެއެވެ. އަދި މިފަދަ މީހުން ޤައުމަށް ފޮނުވާލުމަށާއި ޤަވާއިދާ ޚިލާފަށް އުޅޭ މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.