ޚަބަރު

މިއޮތީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު!


މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތާ ގުޅޭ މުހިންމު ތަފްސީލް މާއުލޫމާތުތަކެއް މިނިސްޓަރ އޮފް ނެޝަނަލް ޕަލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ހާމަކުރައްވައިފިއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތާގުޅޭ މުހިންމު މަޢުލޫމާތު ޙިއްސާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ މުޙަންމަދު އަސްލަމް ވަނީ، ބޯހިޔާވަހިކަން ބޭނުންވާ އާއިލާތައް މިންތިކުރާނެ ގޮތަކުގެ ތަފްސީލް ޙިއްސާކުރައްވާފައެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކަރުގެ އާ ސިޔާސަތުގެދަށުން، ގެދޮރުވެރިކުރުމުގައި މީހާގެ އުމުރާ އަދާކުރާ ވަޒީފާއަށް ނުބަލާނެކަމަށެވެ.

"މުސްތަޤުބަލުގައި ނުބަލާނަން، އަދާކުރަނީ ކޮންކަހަލަ ވަޒީފާއެއްތޯ އުމުރަކީ ކޮބާތޯ. ބަލާނީ އާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ އެމީހަކަށް ނަގަންޖެހެނީ ކިހާ މިންވަރަކަށްތޯ. އާއިލާގެ އާމްދަނީއަކީ ކިހާވަރެއްތޯ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ކެޓަގަރީތަކުގައި ޚާއްސަ އުސޫލެއް އޮނާނެ."މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވި މިހާތަނަށް ކުރި އެކި ދިރާސާތަކަށް ބަލާއިރު މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަން ބޭނުންވާ 17،073 ޢާއިލާ ތިބިކަމަށެވެ. ހިޔާ މަޝްރޫޢުއަށް ފޯމު ހުށައެޅި މީހުންގެ ޖުމްލަ ޢަދަދަކީ 24،037 މީހުންނެވެ. މިމަޝްރޫޢުގެދަށުން 6،720 މީހުންނަށް ފްލެޓްދީ ބާކީ ތިބީވެސް މި ޢަދަދާ ގާތްކުރާ ޢަދަކަށްވުމުން، ސަރުކާރުން އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ ސައްޙަކަން އިތުރަށް ޔަޤީންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އާ ހައުސިންގ ސްކީމްގެދަށުން އައިލާތަށް ގިންތިކުރަނީ 4 ބަޔަކަށެވެ. އަދި މިވަގުތު މާލެ ސަރަޙައްދުގައި ތިބި، ބޯހިޔާވަހިކަން ބޭނުންވާ އާއިލާތައް ގިންތި ކޮށްފައިވާ ގޮތުގެ މަޢުލޫމާތުވެސް މިނިސްޓަރ ޙިއްސާކުރެއްވިއެވެ.

  • ފަގީރު އާއިލާތަކުގެ ގޮތުގައި ބެލެވޭ – 2،561 އާއިލާ
  • ތަނަވަސްކަން ކުޑަ އާއިލާ – 4،098 އާއިލާ
  • މެދު ފަންތީގެ އާއިލާ – 5،634 އައިލާ
  • ތަނަވަސް – 4،780 އާއިލާ

ފަގީރު ޢާއިލާތަކުގެ ގޮތުގައި ކަނޑައަޅަނީ ޢާއިލާގައި 5-6 މީހުން ހިމެނޭ، ނަމަވެސް އާއިލާއަށް ލިބޭ އާމްދަނީ މަހަކު 16،000އަށްވުރެ މަދު އާއިލާތަކެވެ. މި އާއިލާތަކަށް ގެދޮރުދޭނީ ކައުންސިލް ހައުންސިންގެދަށުން، ކުޑަ އަގެއްގައި ކުއްޔަށްދޭ ގޮތަށެވެ.

ތަނަވަސްކަން ކުޑަ އާއިލާތަކަކީ 16،000އާއި 32،000އާއި ދެމެދު ގެ އާމްދަނީއެއް މަހަކު ލިބުނު ނަމަވެސް، ލޯނެއް ނަގައިގެން ބޯހިޔާވަހިކަމެއް ހޯދޭނެ ތަނަވަސްކަން ނެތް އާއިލާތަކެވެ.

މެދު ފަންތީގެ ޢާއިލާތަކަކީ 32،000އާއި 64،000އާއި ދެމެދުގެ އާމްދަނީއެއް ލިބޭ، ދިގު މުއްދަތުން ފައިސާ ދައްކައިގެން ހައުސިންގ ޔުނިޓް / ގެއެއް މިލްކުވެރިކުރެވޭ ތަނަވަސްކަން ހުރި މީހުންނެވެ.

64،000އިން މަތިން މަހަކު އާމްދަނީ ލިބޭ އާއިލާތަކަކީ ތަނަވަސް ނުވަތަ މުސަނދި އާއިލާތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ އާ ހައުސިންގ ސްކީމްތަކުގައި އަގުތަށް ކަނޑައަޅާނީ އެ ކެޓަގަރީއަކަށް ނިސްބަތްވާ މީހުންގެ ޢާމްދަނީއަށް ބަލައިގެންކަމަށެވެ. މިނިސްޓަރ ވަނީ ހައުސިންގ ޔުނިޓްގެ އަގުތަކާ ގުޅޭގޮތުން މިހާތަނަށް އަންދާޒާކޮށްފައިވާ އަދަދުތައްވެސް ޙިއްސާކުރައްވާފައެވެ.

"ކައުންސިލް ހައުސިންގ ނުވަތަ އެންމެ ދަށް ފަންތީގެ މީހުން މަހަކު ދައްކަން ޖެހޭނީ 6400އަށްވުރެ ދަށް އަދަދެއް. ތަނަވަސްކަން ކުޑަ ލޯ-އިންކަމް އާއިލާތަކުން 6400-12800އާއި ދެމެދުގެ އަގުތަކެއް. މެދު ފަންތީގެ އާއިލަތަކުން 13000-23800އާ ދެމެދުގެ އަގުތައް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވެސްދަނީ މާލެ ސަރަޙައްދާ އަތޮޅުތަކުގައިވެސް ހައުސިންގެ އާ މަޝްރޫޢުތައް ފަށައިގެން ކުރިއަށްގެންދަމުންނެވެ. އަދި އިތުރު މަޝްރޫޢުއެއްގެ މަސައްކަތް މިއަހަރު ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.