މި ސަރުކާރުގެ އެއްވެސް ހައުސިންގ ސްކީމެއްގައި 1 ކޮޓަރީގެ ހައުސިންގ ޔުނިޓްތައް ނުހަދާނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އޮފީހުން ސިލްސިލާކޮށް ބާއްވަން ފަށާފައިވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެތެރެއިން ރާއްޖޭގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ އަސްލަމްވަނީ ކުރީ ސަރުކާރުން އެއް ކޮޓަރީގެ ހައުސިންގ ޔުނިޓްތައް، ސަރުކާރު ހައުސިންގ ސްކީމްގެ ދަށުން ބޯހިޔާވަހިކަމުގެ ގޮތުގައި ދިނުމަށް ކަނޑައެޅި ކަނޑައެޅުމަށް ފާޑު ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ 1 ކޮޓަރީގެ އެޕަރޓްމަންޓްތަކަކީ އެންމެ ކުޑަ އާއިލާއަކަށްވެސް ދިރިއުޅެވޭނެ ޖާގައަކަށް ނުވާނެކަމަށެވެ. މި ސަރުކާރުގައި ފަށާފައިވާ އަދި ފެށުމަށް ނިންމާފައިވާ އެއްވެސް މަޝްރޫޢުއެއްގައި 1 ކޮޓަރީގެ ހައުސިންގ އެޕަރޓްމަންޓްތައް ނުހިމަނާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
"ސަރުކާރުގެ އެއްވެސް ހައުސިންގ ޕްރޮޖެކްޓެއްގައި 1 ކޮޓަރީގެ ހައުސިންގ ޕްރޮގްރާމެއް ނުހިންގާނަން. އާއިލާއަކަށް ދިރިއުޅެވޭނެ ތަނަކަށް އެތަން ނުވާނެ. 1 ކޮޓަރިއަކީ ސްޓޫޑެންޓުންނަށް ޚާއްސަކޮށްގެން ހަދާކަހަލަ ތަންތަން. މުސްތަގުބަލުގައި 1 ކޮޓަރީގެ ހައުސިން މަޝްރޫޢުތައް ކުރިއަށްނުގެންދިއުމަށް ސަރުކާރުންވަނީ ނިންމާފައި." މިނިސްޓަރ އަސްލަމް ވުދާޅުވިއެވެ.
ހިޔާ މަޝްރުޢުގެދަށުން ކުރީ ސަރުކާރުން 1 ކޮޓަރީގެ ކެޓަގަރީތަކެއް ހުޅުވާލިއެވެ. މި ޔުނިޓްތައް ދިނުމަށް ނިންމީ، ސަރުކާރުގެ ކުންފުނިތަކާ ސަރުކާރު ޙިއްސާވާ ކުންފުނިންތަކާ އަދި އަމިއްލަ ކުންފުނިތަކަށް ހަދަން ދިން ޓަވަރުތަކުން ސަރުކާރުން އެޕަރޓްމަންޓްތައް ގަންނަގޮތަށެވެ. އެގޮތުން 2017ވަނަ އަހަރު 20ކުންފުންޏަކާއެކު ސަރުކާރުން އެއްބަސްވުންތައް ހެދިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މީގެތެރެއިން ގިނަ މަޝްރޫޢުތައް ކުރިއަށް ނުދާކަމަށެވެ. މަސައްކަތް ކުރިއަށް ނުދާތީ މިހާތަނަށް 13 ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވާކަމަށެވެ.
"އޭރުގެ ސަރުކާރުން އެއްބަސްވީ ކުންފުނިންތަކުން އަޅާ 1 ކޮޓަރީގެ އެޕަރޓްމަންޓްތަކުގެ %50 ސަރުކާރުން ގަތުމަށް. ނަމަވެސް މި އުސޫލުގަ އެބަވޭ މިކަން މިގޮތަށް ހިނގާނީ ސަރުކާރުން ކުންފުނިތަކަށް މިކަމުގެ ގެރެންޓީއެއް ދިނުމުންކަމަށް. ނަމަވެސް އެކަން ކޮށްފައެއް ނުވެ." މިނިސްޓަރ އަސްލަން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ޓަވަރުގެ މަސައްކަތް ކުރިއަށްގެންދަނީ 3 ކުންފުންޏަކުން އެކަނިކަމަށެވެ. ސަރުކާރުން ބެލިބެލުމުން މީގެތެރެއިން ސަރުކާރަށް ގަންނަން ލިބުނީ 36 ފްލެޓެވެ. މިފެލެޓުތައް ސަރުކާރަށް ނަގާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ޚާއްސަކުރި(1ކޮޓަރި) ކެޓަގަރީން ޝަރުތު ހަމަވި މީހުންނަށް 34ޔުނިޓްވަނީ ދޭން ނިންމާފައެވެ. އަނެއް 2 ޔުނިޓް ދެނީ މާލޭ ރަށްވެހިންގެ ކެޓަގަރީ(1ކޮޓަރި)އަށް ހޮވުނު ދެ މީހަކަށެވެ.
ހިޔާ މަޝްރޫޢަށް ޖުމްލަ 24037މީހުން ފޯމު ހުށައެޅިއެވެ. މީގެތެރެއިން އެއްކޮޓަރީގެ ކެޓަގަރީން ފެލެޓަށް އެދި 2296މީހުން ފޯމު ހުށައެޅިއެވެ.