ވިޔަފާރި

އެމްއައިބީގެ 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ މިއަހަރު ބަހަނީ


2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން ހުއްދަ ލިބިފައިވާކަމަށާއި ފައިދާ ބެހުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނެފިއެވެ.

އެމްއައިބީން 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބެހުން ލަސްކޮށްފައިވަނީ އެމްއެމްއޭގެ ހުއްދަ ނުލިބުމުގެ ސަބަބުންނެވެ. ނަމަވެސް އެމްއައިބީއިން ބުނީ 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބެހުމަށް މިހާރު އެމްއެމްއޭއިން ހުއްދަ ލިބިފައިވާކަމަށެވެ.

އެމްއައިބީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ޖަލްސާގައި ފާސްކޮށްފައިވަނީ ހިއްސާއަކަށް 1.58 ރުފިޔާ ބެހުމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ 5 ޖުލައި 2020 ވަނަ ދުވަހާއި ހަމައަށް އެ ބޭންކުގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ހިއްސާގެ ފައިދާ ލިބޭނެކަމަށެވެ. 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 35437511 (ތިރީސް ފަސް މިލިއަން ހަތަރުސަތޭކަ ތިރީސް ހަތްހާސް ފަސްސަތޭކަ އެގާރާ) ރުފިޔާ ބެހުމަށް ބޭންކުން ވަނީ ނިންމާފައެވެ.

އެމްއައިބީ އިން ބުނީ ބޭންކް ޑިޕޮސިޓް މެދުވެރިކޮށް ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހާނެ ކަމަށާއި، އަދި ހިއްސާދާރުން ފޯރުކޮށްދީފައިވާ އެކައުންޓުތަކަށް ފައިދާ ޖަމާކުރާނެ ކަމަށެވެ. ހިއްސާދާރުންގެ ބޭންކު އެކައުންޓްގެ އެއްވެސް މައުލޫމާތެއް ބަދަލުކުރަން ބޭނުންވާނަމަ 9 މާރޗްގެ ކުރިން އެކަން ނިންމުމަށްވެސް އެމްއައިބީން ވަނީ އެދިފައެވެ.