ޚަބަރު

ކޯވިޑް-19 ދިފާޢު: 85110 މީހުން ވެކްސިން ޖަހައިފި


ރާއްޖެއިން ކޯވިޑް-19އަށް ވެކްސިންޖެހި މީހުންގެ އަދަދު 85،000އިން މައްޗަށް އަރައިފިއެވެ. ވޭތުވެދިޔަ 24ގަޑިއިރު 5،000އާ ގާތްކުރާ ޢަދަދަކަށް މީހުން ވެކްސިން ޖަހާފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ކޯވިޑް-19އިން ދިފާއުވުމަށްދޭ ވެކްސިން 4،962 މީހުން ޖަހާފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 85،110އަށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ވެކްސިންޖެހި 4،962 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 2،700 މީހުންނާ، އަތޮޅުތަކުގެ ސެންޓަރުތަކުން ވެކްސިން ޖެހި 2،262 މީހުންނެވެ.

މިއާއެކު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 61،777 އަށް އަރާފައެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ އަދަދުވަނީ 23،333 އަށް އަރާފައެވެ. ވޭތިވެދިޔަ 24 ގަޑިއިރު މާލޭގެ 9 ސެންޓަރުގައި ވެކްސިން ދިނުމުގެ ޚިދުމަތްދީފައިވެއެވެ. އަދި އަތޮޅުތަކުގެ 169ސެންޓަރެއްގައި ވެކްސިން ދީފައިވެއެވެ.

ރާއްޖޭގައި ވެކްސިން ދޭން ފެށިތާ 3 ހަފްތާވަނީ ވެފައެވެ. ރައްޖޭގައި އަދި ދެމުންދަނީ ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. މިހާތަނަށް ރާއްޖޭގެ 500،000 މީހުންގެ އާބާދީގެ %17އަށް މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ 8 ހަފްތާ ފަހުންނެވެ.

ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މީގެ 100،000 ޑޯޒް ރާއްޖެއަށްވަނީ ހަދިޔަކޮށްފައެވެ. އަދި އިންޑިއާއިން މިހާރު މިވަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.