ކޯވިޑް-19 ބަލިމަޑުކަން އެކި މީހުންނާ ކުރިމަތި ކުރުވީ އެކި ޙާލަތްތަކެވެ. އެއްބަޔަކު ބަލި އެނދުގައި ރިސޯޓްތަކާ ފެސިލިޓީތަކުގައި އެކަނިމައިއެކަނި ދުވަސްތައް ހޭދަކުރަންޖެހުނެވެ. އަނެއްބަޔަކު އާއިލާގެ އެތަށް ބަޔަކު އެއްފަހަރާ ޕޮޒިޓިވްވެ އެކަމުގެ ހިތާމައިގައި އުޅެންޖެހުނެވެ. ދެން ތިބި މީހުން މައިން ބަފައިން ފެސިލިޓީތަކަށް އެކަނި ފޮނުވަންޖެހުމުގެ ކެތްކުރަންތަތި ތަޖުރިބާ ތަޙައްމަލުކުރިއެވެ.
ބަލީގެ އިޙުސާސް އެމީހަކަށް ކުރެވޭނީ އެމީހަކަށް ކުރިމަތިކުރުވި ޙާލަތުގެ މިންވަރުންނެވެ.
ކޯވިޑް-19 ބަލިމަޑުކަން އަހަރަމެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފިއެވެ.
ޢުމުރުން 85 އަހަރުގެ ޒުލައިޚާ މޫސާއަކީވެސް ކޯވިޑް-19ގެ ބަލި ތަޙައްމަލުކުރަންޖެހުނު މީހެކެވެ. ޢުމުރުން ދުވަސްވުމަކީ މިބަލީގެ ނުރައްކާ ބޮޑު ކަމެއްގެ ގޮތުގައި ސިޙީ މާހިރުން ފާހަގަކުރައްވައެވެ. ޒުލޭޚާ ކިޔައިދިންގޮތުގައި ކޯވިޑް-19 ބައްޔަށް ޝައްކު ކުރެވިގެން އޭނާ 3 ފަހައްގެ މަތިން ޓެސްޓުހެދިއެވެ.
"ކުރިން ތިން ފަހަރު ޓެސްޓުކުރިއިރުވެސް ހަމަ ނެގެޓިވްވީ. ފަހުން ގޭގައި އުޅުނު އެހެން ކުއްޖަކު ހުންއައިސްގެން ޓެސްޓުކުރީ ދެން އަޅުގަނޑުވެސް ޓެސްޓްކުރިއިރު ޕޮޒިޓިވްވިކަން އެނގުނީ. އެނގުނީމަ ވަރަށް ދެރަވި. ކުދިން ބުނެފި މަންމާއޭ އެބަ ދާންޖެހޭ ތަނަކަށް" ކޯވިޑް-19ގެ ތަޖުރިބާ ޒުލައިޚާ ކިޔައިދިނެވެ.
މިބައްޔަށް ޒުލައިޚާގެ ދެ އަންހެން ދަރިންވެސް ޕޮޒިޓިވްވިއެވެ. ކޯވިޑް ފެސިލިޓީއަށް ޒުލައިޚާއާ އޭނާގެ ދެ އަންހެން ދަރިންވެސް ގެންދިޔައެވެ. ތިންމައިން ބައިތިއްބާފައިތިބީ އެއް ވޯޑެއްގައި އެކަކު އަނެކަކުގެ ގާތުގައެވެ. ބައްޔެއްގެ ސަބަބުން ނަމަވެސް ކައިރީގައި ދަރިން ތިބުމަކީ ޒުލައިޚާއަށް މިދަނޑިވަޅުގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހިމެވެ.
"ފުރަތަމަ ހިތަށްއެރީ. މީހުން ބުނެއެއްނު ފަސްގަނޑެއް ނާންނާނެއޭ، މަސްގަނޑޭ ދާނީ ދެން. އަޅުގަނޑު ހިތަށްއެރީ އަޅުގަނޑު ހުޅުމާލޭ ސަހަރާއަށް ދާންޖެހޭނީ ކަންނޭގެޔޭ." ޒުލައިޚާ އޭނާގެ އިޙުސާސުތައް ކިޔައިދިނެވެ.
ބަލީގަ ކުރެވޭ އިހުސާސްތަކަށް ވުރެ ވެކްސިންގެ ރައްކާތެރިކަން ރަނގަޅު
— Health Protection Agency (@HPA_MV) February 23, 2021
މާމަގެ ނަސޭހަތަކީ އެންމެންވެސް ވެކްސިން ޖެހުން pic.twitter.com/oI53TtLP2V
ދަރިންގެ އެހީގެ އިތުރަށް ބަލިން ރަނގަޅުވެ އަލުން ރަނގަޅު ޙާލަތަކަށް ދެވުމުގައި، ފެސިލިޓީގެ ތެރެއިން ލިބުނު އެހީ އަކީ ޒުލޭޚާ އެންމެ ބޮޑަށް ފާހަގަކުރި ކަމެވެ. އެމްބިއުލާންސްގައި ފެސިލިޓީއަށް ގެންދިޔަ ކުދިންގެ ކިބައިން ފެނުނު މަޖާ ގޮތްގަނޑާ، ޚިދުމަތް ދިނުމުގައި ފެސިލިޓީގައި މަސައްކަތްކުރި ކުދިންގެ ހިތްހެޔޮ ވާހަކަތަށް ކިޔައިދިނީ ހެމުންނެވެ. އަދި ފަރުވާދެމުން ދިޔަ ވޯޑުގައި ތިބި އެންމެންގެ މެދުގައި އުފެދިފައިވާ ޢާއިލާ ގުޅުން ސިފަކޮށްދިނީ، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ.
"ރެޑްކްރޮސެންޓް ކުދިން އެމްބިއުލާންސްގައި ގެންދިޔައީ މާޖާ ވާހަކަ ކިޔައިދީ ސަކަރާތްޖަހަމުން، ވަރަށް ރަނގަޅު. ކަމަކާ ވިސްނާކަށް ވަގުތެއް ނުވި. ފެސިލިޓީން ލިބުނު ޢާއިލާއެއްފަދަ އިތުރު ރަށްޓެހިންތަކެއް. އެންމެނަކީވެސް އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި އުޅުނީ." ޒުލައިޚާ އޭނާ ކޯވިޑް ފެސިލިޓީގައި ވަގުތު ހޭދަކުރިގޮތް ކިޔައިދިނެވެ.
ޒުލައިޚާ ކިޔައިދިންގޮތުގައި އޭނާއަށް މީގެކުރިން ތަޖުރިބާ ނުކުރެވޭ އެތަށް ސިއްޙީ މައްސަލަތައް މިފަހަރު ކުރިމަތިވިއެވެ. އޭނާ އަކީ ކުރިން ގައިގައި ރިހުންފަދަ ކަންކަން ހުންނަ މީހެއް ނޫނެވެ. ނަމަވެސް ކޯވިޑަށް ޕޮޒިޓިވްވުމަށްފަހު ގަދައަށް ހުންއައުމާ ގައިގަވެސް ވަރަށް ބޮޑަށް ރިއްސިއެވެ. އަދި އޮކްސިޖަންގެ އެހީވެސް ހޯދިއެވެ. ޒުލައިޚާ ބުނީ ފެސިލިޓީގައި ހޭދަވި ދުވަސްތަކުގެ ސަބަބުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ހޭލުންތެރިވެއްޖެކަމަށެވެ.
އޭނާ އެހެންމީހުންނަށް ދޭން ބޭނުންވާ މެސެޖަކީ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށެވެ. އަދި އެހެން މީހުން ވެކްސިން ޖެހުމަށް ބާރުއެޅުމަށް އޭނާވަނީ އެދިފައެވެ.
"ވާ އުނދަގުލަށްވުރެ ފައިދާ ބޮޑުވީމަ ވެކްސިން މި ޖަހަންޖެހެނީ. އަޅުގަނޑުމެންގެ އާއިލާގެވެސް އެންމެންހެން ޖަހައިފި. އަޅުގަނޑުގެ އަމުއްރެއް ހިނގަންޏާ ވެކްސިން ނުޖަހާ ހުންނާކަށް ނުކެރޭނެ." ޒުލައިޚާ ބުންޏެވެ.
ކޯވިޑް-19 ބަލި ރާއްޖެއިން މިހާތަނަށް 18،000އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވެއެވެ. މިވަގުތުވެސް ބައްޔަށް ޕޮޒިޓިވް 2،500 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. 162މީހުނަށް ފަރުވާދެނީ އެޑްމިޓްކޮށްގެންނެވެ. މިބަލިޖެހިގެން މިހާތަނަށް 60މީހުން ރާއްޖޭގައި ނިޔާވެފައިވެއެވެ.
މިބަލިން ރާއްތެރިވުމަށް އޮތް ގޮތަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއެކު ވެކްސިން ޖެހުމެވެ. ޒުލައިޚާގެ ނަޞޭހަތަކީވެސް މިއެވެ.