ޚަބަރު

"ވެކްސިން ޖަހައިފިންތަ؟ ކޮފީއަށް ނުނީ ކާން އާދޭ، ޑިސްކައުންޓް ލިބޭނެ"


ކޯވިޑް-19ގެ ވެކްސިންޖަހާ މީހުންނަށް ރެސްޓޯރަންޓްތަކުން ޚާއްސަ ޑިސްކައުންޓެއް ދޭންފަށައިފިއެވެ. ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް މިވަގުތު ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ވެކްސިން ދިނުމުގެ މަސައްކަތެކެވެ.

ކޯވިޑް-19 ބަލި ދުނިޔޭގައި ފެތުރެން ފެށިތާ ގާތްގަނޑަކަށް އަހަރެއްފަހުން މިކަމަށް ވެކްސިނެއް ހޯދި ގިނަ ޤައުމުތަކުގައިވަނީ ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ. ދިވެހިރާއްޖެއަކީވެސް އެންމެ ފުރަތަމަ ވެކްސިން ދޭންފެށި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

ރާއްޖޭގައި އާބާދީގައި ވެކްސިން ދެވޭ އުމުރުފުރާގެ 30އަހަރުން މަތީގެ އެންމެނަށް ވެކްސިން ދިނުމުގެ މަސައްކަތް ރާއްޖޭގައި މިހާރުވަނީ ފަށާފައެވެ. މި ޙާލަތުން އަވަހަށް އަރައިގަނެ ޢާއްމު ޙާލަތަށް ރުޖޫޢަވުމަށްޓަކައި، ވީހާވެސް އަވަހަށް ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންދަނީ އިލްތިމާސްކުރަމުންނެވެ.

ވެކްސިން ޖެހުމަށް ބާރުއެޅުމަށް ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުންވެސް މިވަނީ މަސައްކަތަކެއް ފަށާފައެވެ. އެގޮތުން ވެކްސިން ޖެހުމަށްފަހު ވެކްސިން ކާޑު ދެއްކުމުން ރެސްޓޯތަންޓްތަކުން ޑިސްކައުންޓްދޭންވަނީ ފަށާފައެވެ.

އާއްމުންގެ ތެރޭގައި މަޤުބޫލު ބައެއް ރެސްޓޯރަންޓްތަކުން މިވަނީ ވެކްސިން ޕްރޮމޯޝަން ޑިސްކައުންޓް ފަށާފައެވެ. އެގޮތުން އާއްމުންގެ މެދުގައި މަޤުބޫލު ޕިއްޒާ ބޯނާއާ ސޯލްޓުންވަނީ ވެކްސިން ކާޑު ދެއްކުމުން ޚިދުމަތުން %10 ޑިސްކައުންޓްދޭން ފަށާފައެވެ. އަދި ޒުވާނުންގެ މެދުގައި މަޤުބޫލު ސީހައުސް ކެފޭއިން، ބުރާސްފަތި ދުވަސްނޫން ހުރިހާ ދުވަހެއްގައި ކާޑު ދެއްކުމުން %15ޕަސެންޓް ޑިސްކައުންޓް ލިބޭނެކަމަށް އެ ކޭފޭއިން ބުނެއެވެ.

ޕިއްޒާ ބޭ އިން ބުނެފައިވަނީ ވެކްސިން ޖަހާފައިވާ މީހުން އެއް ޕިއްޒާ ގަތުމުން 1 ޕިއްޒާ ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާކަމަށެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ރާއްޖޭގެ ވިޔަފާރިތައް އަޑިއަޅާލާ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުވަނީ ކޮށްފައެވެ. ކޭސްތައް އިތުރުވަމުންދާ ވަރަކަށް ވިޔަފާރިތަކުން ޚިދުމަތް ދެވޭ ގަޑިތައްވެސް އެޗްޕީއޭއިން އަންނީ މަދުކުރަމުންނެވެ.

ބަލިޖެހޭ މީހުންގެ އަދަދު މަދު ނުކުރެވި އިތުރުވަމުންދާނަމަ، އިތުރަށް ފިޔަވަޅުތައް ހަރުކަށިކުރަންޖެހޭނެކަމުގެ އިންޒާރު އެޗްޕީއޭއިން އަންނަނީ ދެމުންނެވެ. އެހެންކަމުން މިވަގުތު ފަރުދީ ޒިންމާގެ ގޮތުގައި ދެކިގެން ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތަކީ ވެކްސިން ޖެހުމެވެ.

ބޮޑެތި ބަލިތައް ތަޙައްމަދުކުރަމުންދާ އުމުރުން 18އަހަރުން މަތީގެ ހުރިހާ މީހުންނާ، އަދި 30އަހަރުން މަތީގެ އާބާދީގެ އެންމެނަށްވެސް ވެކްސިން ޖެހުމަށް މިހާރުވަނީ ހުޅުވާލާފައެވެ. ރާއްޖޭގައި މިހާތަނަށް ހަތްދިހަ ފަސް ހާހަށްވުރެ ގިނަ މީހުންވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިންޖެހި ފަންސާސް ހަ ހާސް މީހުންނާ އަތޮޅުތަކުން ވެކްސިންޖެހި އަށާރަ ހާސް މީހުންނެވެ. ސަރުކާރުން މަސައްކަތްކުރަމުންދަނީ ހުއްޓުމެއް ނައިސް ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދިއުމަށެވެ.