"މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓް"ގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 355 ހައުސިންގ ޔުނިޓްގެ އެއްބަސްވުމުގައި ކުންފުނިތަކާއެކު އަންނަ މަހު ސޮއިކުރުމަށް ތައްޔާރުވަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެޗްޑީސީން ވިދާޅުވީ މި ޕްރޮޖެކްޓް ވެގެންދާނީ އާއްމުންނަށް އެންމެ ކުޑައަގުގައި ހުލުވާލާ ހައުސިންގ މަޝްރޫޢުއަށްކަމަށެވެ.
މެދު ފަންތިއާއި މަތީފަންތީގެ ގެދޮރުވެރިކަމަށް ޚާއްސަކޮށްގެން ގިނަ މަޝްރޫޢުތަކެއް މީގެކުރިންވެސް ހުޅުމާލޭގައި ކުރިއަށްގެންގޮސްފައިވެއެވެ. އަލަށް ފެށުމަށް ތައްޔާރުވަމުންދާ 355 ހައުސިންގ ޔުނިޓްގެ "މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓް"އަކީ، ޑިމާންޑާ އެއްގޮތަށް ގިނަ ޕްރޮޖެކްޓްތައް މާކެޓަށް ނެރުމަށް ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުއެއްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ މަސައްކަތުގެތެރެއިން މިހާރު ކުރަމުންދަނީ ބިޑްތައް އިވަލުއޭޓްކުރުމުގެ މަސައްކަތްތަކެވެ. އެޗްޑީސީން ވިދާޅުވީ ލިޔެކިޔުންތައް ފުރުހަމަކުރުމަށްފަހު އަންނަ މާޗްމަހު މަޝްރޫޢުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމުގެ ތައްޔާރީތައް ވަމުންއަންނަކަމަށެވެ. މި މަޝްރޫޢުގެދަށުން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކަކީ ރަނގަޅު ފެންވަރުގައި ގިނަ ޚިދުމަތްތަކާއެކު އަތްފޯރާފަށުގައި ހުޅުވާލާނެ މަޝްރޫޢެއްކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އެޗްޑީސީން ވިދާޅުވީ މީގެތެރެއިން 300 ހައުސިންގ ޔުނިޓް ޢިމާރާތްކުރަން އިޢުލާންކުރި ބީލަމުން 3 ކުންފުންޏަކަށް ކޮންޑިޝަނަލް ސިޓީގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ ފުރުޞަތު ދީފައިވާކަމަށެވެ. މި 3 ކުންފުނިން އަގުތަށް ހުށަހަޅާފައިވަނީ، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންގެ ފަރާތުން އަކަފޫޓެއް 1800ރުފިޔާއަށް، އެސްއޭއެސްއީ އާއި ގްލަޓް ޖޮއިންޓް ވެންޗަރއިން އަކަފޫޓަކަށް 2185 ރުފިޔާ އަދި އެސްޖޭ ކޮންސްޓްރަކްޝަންއިން އަކަފޫޓެއް 1987 ރުފިޔާއަށް ވިއްކުމަށެވެ.
އެޗްޑީސީން ވިދާޅުވީ މި ހައުސިންގް މަޝްރޫޢު ވެގެންދާނީ ޢާއްމުންނަށް އެންމެ ކުޑަ އަގުގައި ހުޅުވާލެވޭ ހައުސިންގ މަޝްރޫޢުއަކަށްކަމަށެވެ. މިކަން ކަށަވަރުކުރުމަށްޓަކައި އެކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޢާއްމުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އަމިއްލަ ފަރާތަކަށް ދިނުމުގައި ގެންގުޅޭ އުޞޫލަށް ބަދަލުތައްވަނީ ގެނެސްފައެވެ. އެޗްޑީސީން ވިދާޅުވީ މަޝްރޫޢުގެ %60 ހައުސިންގ ޔުނިޓްތައް ވިއްކުމަށް ކަނޑައަޅާ އެންމެ ކުޑަ އަގަށް، އިމާރާތްކުރާ ކުންފުނިން އެއްވެސް އުނި އިތުރެއް ނުގެނެވޭނެކަން ކުންފުނިތަކަށް އަންގާފައިވާކަމަށެވެ.
އެޗްޑީސީން ވިދާޅުވީ އުސޫލު ހަރުދަނާކޮށްފައިވަނީ ބައެއް ހާލަތްތަކުގައި އިތުރު ނަންނަނަމުގައި ނެގާ ފައިސާ ނެގުން ހުޓުވައި، އަތްފޯރާފަށުގައ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމުގެ ފުރުޞަތު އާއްމު ރައްޔިތުންނަށް ހޯދައިދިނުމަށްކަމަށެވެ.