ދުނިޔެ

އިންޑިޔާގެ މަހާރަޝްތާ ސްޓޭޓުގެ ޙާލަތު ގޯސްވެ ފިޔަވަޅުތައް ވަރުގަދަކޮށްފި


އިންޑިޔާގެ މަހާރަޝްތާ ސްޓޭޓުގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އެ ސްޓޭޓުގައި އަޅާފައިވާ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައި މިހާތަނަށް 11 މިލިއަން މީހުންނަށް ކޯވިޑް ޖެހި 156،705 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައިވެސް އޮތީ އިންޑިޔާއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 110 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މަހާރަޝްތާއިން ކޯވިޑް ޖެހިފައިވާ 7،000އަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ. މި މަހުގެ ކުރީކޮޅުގައި އެ ސްޓޭޓުން ބަލި ޖެހެމުން ދިޔައީ ދުވާލަކު 2،000 އެއްހާ މީހުންނަށެވެ.

މަހާރަޝްތާގައި އަޅާފައިވާ އެންމެ ފަހުގެ ފިޔަވަޅުތަކުގެ ދަށުން އެ ސްޓޭޓުގެ ވެރިކަންކުރާ ސިޓީ އަދި އިންޑިޔާގެ އިޤްތިޞާދީ ހަބުކަމުގައިވާ މުމްބާއީ އަދި މަހާރަޝްތާގެ ހުޅަނގުގެ ސަރަޙައްދުތަކުގައި ދީނީ، އިޖުތިމާއީ އަދި ސިޔާސީ އެއްވުންތައް ބޭއްވުންވަނީ މަނާކޮށްފައެވެ. އަދި ބައެއް ސިޓީތަކުގައިވަނީ ރޭގަނޑުގެ ވަގުތުތަކުގައި ކާފިއު ހިންގާފައެވެ.

މަހާރަޝްތާގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި އެސްޑީ ޕަޓޭލް ވިދާޅުވީ ދެވަނަ ފުރަބަންދެއް ޤާއިމްކުރެވެން ނެތްކަމަށާއި، ބަލީގެ އައު ބިޔަ ރާޅެއް ފެތުރުނަ ނުދިނުމަށް ކަމާއިބެހޭ އިދާރާތަކުން ތައާރަފުކޮށްފައިވާ ޤަވާއިދުތަކަށް އާންމުން ބޯލަބަންޖެހޭކަމަށެވެ. މި ޙާލަތުގައި އާންމުން އެއްވުންތަކަށް ދިޔުން ހުއްޓާލައި ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫނީ ކުރާ ދަތުރުތައްނުކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

މަހާރަޝްތާގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވީ ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިޔާގެ ގިނަ ސަރަޙައްދުތަކެއްގައި ބަލިޖެހޭ މީހުންގެ ޢަދަދުދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. ނަމަވެސް ކަމާއިބެހޭ މާހިރުންވަނީ އިންޑިޔާގައި ބަލި ފެތުރޭ މިންވަރު ދަށްކުރުމުގައި ކާމިޔާބުވެފައިވާ ސީދާ ސަބަބު ނޭނގޭކަމަށް ފާހަގަކޮށް، ބައްޔާއިމެދު ފަރުވާކުޑަކުރެވެން ނެތްކަމަށް ބުނެފައެވެ.