އެމެރިކާގެ ޓެކްސަސްއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެ ސްޓޭޓުގެ މަޝްހޫރު ގްވާޑަލޫޕް ކޯރު ބަންޑުންވެ، މިހާތަނަށް 24 މީހުން މަރުވެ، އެތައް ބަޔަކު ގެއްލިއްޖެއެވެ.
އެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ 25 މީހުންގެ ތެރޭގައި، އެ ސަރަޙައްދުގެ އަންހެން ކުދިންނަށް ޙާއްސަ ސްކޫލަކުން ކޭމްޕިންގް އަށް ގޮސް އުޅުނު ދަރިވަރުންތަކެއް ވެސް ހިމެނެއެވެ.
އިއްޔެ އެ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 18 ގަޑިއިރު ފަހުން، ހުކުރު ދުވަހުގެ ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަންތައް ރޭގަނޑާއި މިއަދުގެ ނިޔަލަށް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
އެ އޮޕަރޭޝަންގައި މައި ސަރުކާރުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
ކަރވިލް ކައުންޓީގެ ސިޓީ މެނޭޖަރު ޑޯލްޓަން ރައިސް ނޫސްވެރިންނަށް ވިދާޅުވީ، އިއްޔެގެ ފަތިހުގެ ވަގުތެއްގައި ވެހުނު ބޯ ވިއްސާރައިގައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގްވާޑަލޫޕް ކޯރުގެ ފެންގަނޑު އުފުލި، ބަންޑުންވުމުގެ ސަބަބުން، ސަލާމަތް ހޯދުމަށް އާންމުންނަށް އިންޒާރު ދޭނެ ވަގުތެއް ވެސް ކަމާބެހޭ އިދާރާތަކަށް ލިބިފައިނުވާ ކަމަށެވެ.
ސްޓޭޓް އިމަޖެންސީ މެނޭޖްމަންޓް އޮފިޝަލުން ވަނީ، ހުޅަނގާއި މެދުތެރޭ ޓެކްސަސްއަށް "ކުރިއަށް އޮތް ދެތިން ދުވަހު" ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދީފައެވެ.
އިއްޔެ ފާހަގަކުރި އެމެރިކާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް އެ ސަރަޙައްދުގައި ވަނީ ކެންސަލްކޮށްފައެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކަރ ކައުންޓީގެ ޝެރިފް ލެރީ ލެއިތާ ވިދާޅުވީ ފެންބޮޑުވުމުގެ ހާދިސާ މިހާތަނަށް 24 މީހަކު މަރުވެފައިވާ ކަމަށެވެ.