ދުނިޔެ

ޓެންޒޭނިއާގެ ޙާލަތާއިގުޅޭ މަޢުލޫމާތު ދޭން ޑަބްލިއުއެޗުއޯއިން ގޮވާލައިފި

ޓެންޒޭނިއާގެ ކޯވިޑް-19 ޙާލަތާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން އެ ޤައުމަށް ގޮވާލައިފިއެވެ.

ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ ގެންގުޅުއްވާ ސިޔާސަތުތަކާއި މެދު ޑަބްލިއުއެޗުއޯއިން މީގެ ކުރިންވެސްވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. ޓެންޒޭނިއާގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ތަރުޖަމާނަކުވަނީ އެ ޤައުމުގައި ކޯވިޑް ފެތުރުން ކޮންޓްރޯލްވެފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެ ޤައުގައި ބަލިޖެހޭ މީހުންގެ ޢަދަދާއި ބަލީގައި މަރުވާ މީހުންގެ ޢަދަދު ޙިއްޞާކުރުން އެ ޤައުމުންވަނީ ހުއްޓާލައިފައެވެ. އޭރު އެ ޤައުމުގައި 509 މީހުންނަށް ބަލިޖެހި 21 މީހުންވަނީ މަރުވެފައެވެ.

މިދިޔަ ހަފުތާގައި އޯމާންގެ ޞިއްޙަތާއިބެހޭ ވަޒީރުވަނީ އޮމާންއާއި ޓެންޒޭނިއާއާއި ދެމެދު ކުރާ ވައިގެ ދަތުރުތައް ހުއްޓާލުމާއިމެދު ވިސްނަވަމުންދާކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ ޓެންޒޭނިއާއިން އެ ޤައުމަށް ދަތުރުކުރާ މީހުންގެ ތެރެއިން 18 އިންސައްތަ މީހުން ކޯވިޑަށް ޕޮޒިޓިވް ވުމުންނެވެ.

ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވީ ބޭރު ޤައުމުތަކަށް ދަތުރުކުރާ ޓެންޒޭނިއާގެ ރައްޔިތުން ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މިންވަރަށް ބެލުމުން ޓެންޒޭނިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކޮށް އެހެން ޤައުމުތަކުގެ މީހުން ރައްކާތެރިކުރުމަށް ޓެންޒޭނިއާއިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ހާމަކޮށްދޭކަމަށެވެ.

މިދިޔަ ޖަނަވަރީ މަހުގެ ފަހު ކޮޅުގައި ޓެންޒޭނިއާގައި ކޯވިޑާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރުގަދަކޮށް، ބައްޔާއި ދެކޮޅަށް ވެކްސިން ދިނުމަށް ތައްޔާރުވުމަށް ޑަބްލިއުއެޗުއޯގެ އެފުރިކާ ސަރަޙައްދުގެ އިސްވެރިޔާ، މަޝިޑިސޯ މޯޓީ ގޮވައިލެއްވި ގޮވައިލެއްވުން ޓެޑްރޮސްވަނީ ތަކުރާރުކުރައްވާފައެވެ.

ޓެންޒޭނިއާގެ ރަސްމީ ފަރާތްތަކަކާއި ވާހަކަދައްކަވާފައިވާކަން ފާހަގަކުރައްވަމުން ޓެޑްރޮސް ވިދާޅުވީ އެ މަޝްވަރާތަކުގެ ސަބަބުން އެދެވޭ ނަތީޖާއެއް މިހާތަނަށް ފެނިފައި ނުވާކަމަށެވެ. އަދި ޓެންޒޭނިއާގެ ޙާލަތާއިމެދު އޮތް ކަންބޮޑުވުންތައް ވަރަށް ބޮޑުކަން ފާހަގަކުރައްވަމުން، ބަލިޖެހޭ މީހުންނާއި މަރުވާ މީހުންގެ ތަފާސް ހިސާބުތައް ޑަބްލިއުއެޗުއޯއަށް ޙިއްޞާކުރުމަށް ޓެޑްރޮސް ގޮވައިލެއްވިއެވެ.

ޓެންޒޭނިއާގެ ރައީސް މަގުފުލީގެ ރަސްމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގެ ރައްޔިތުން ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުމަށް ރައީސް މަގުފުލީ އެދިވަޑައިގަންނަވާކަމަށެވެ. ނަމަވެސް މާސްކު ބޭނުންކޮށް، އިޖުތިމާޢީ ގައިދުރުކަން ބަހައްޓާ ފުރަބަންދުކޮށްފައިވާ ޤައުމުތަކުގައި ކޯވިޑް ޖެހިގެން މީހުން މަރުވެފައިވާ ޢަދަދު ޓެންޒޭނިއާއަށްވުރެ އިތުރުކަމަށް މަގުފުލީ ފާހަގަކުރައްވާފައިވާކަމަށެވެ.

ރައީސް މަގުފުލީވަނީ ޓެންޒޭނިއާ ނޫން އެހެން ޤައުމުތަކުގައި އުފައްދާފައިވާ މާސްކު ބޭނުން ނުކުރުމަށް އާންމުންނަށް އަންގަވާފައެވެ. މަގުފުލީ ވިދާޅުވީ ބޭރު ޤައުމުތަކުގައި އުފައްދާ މާސްކުތަކަކީ ރައްކާތެރި އުފެއްދުންތަކެއް ނޫންކަމަށެވެ.