ޚަބަރު

އިދިކޮޅުން ބުދަދުވަހު ރިޔާސީ ބަޔާނަށް ޖަވާބު ދެނީ


ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނަށް ޖަވާބުދެއްވުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުން މަޖިލީހުން ވަގުތުން ދުރަށް ފޮނުވާނެކަމަށެވެ. މަޖިލީހުގެ ރައީސް ވަނީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު، މަޖިލީހުގެ ހުރިހާ މެންބަރުންވެސް މަޑުމައިތިރިކަމާއެކު ތިއްބެވުމަށް އެދިވަޑައިގެންފައެވެ. އަދި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު، އެ ޖަވާބަށް ވަގުތުން ރައްދު ނުދެއްވުމަށްވެސް މަޖިލީހުގެ ރައީސް އެދިވަޑައިގަތެވެ.

"އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް ދަންނަވަން. ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު އަޅުގަނޑު އިޚްލާސްތެރިކަމާއެކު އެމްޑީޕީ މެންބަރުން ހަނު ތިއްބެވުމަށް އެދެން. މަޑުމައިތިރިކަމާއި އެކު، އެދޭ ޖަވާބު ދެއްވާއިރު ވަގުތުން ތިބޭފުޅުން ޖަވާބުު ދެއްވުން މަޖިލީހުގެ ޤަވާއިދުގައި ވަގުތުން ނުވެސްނެތް. ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ދެއްވިއިރުވެސް ބައެއް ޕީޕީއެމް މެންބަރުންވެސް ޖަވާބު ދެއްވަމުން ގެންދެވި. އެވެސް މަޖިލީހުގެ ޤަވާއިދުގައި ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަވަންވާނެކަމަށެވެ.

މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ. ސަލީމަށް އެފުރުޞަތު ލިބިވަޑައިގަންނަވަނީ އެމްޑީޕީ ފިޔަވާ އެންމެ ގިނަ މެންބަރުން ތިއްބަވަނީ ޕީޕީއެމްގައި ކަމަށްވާތީއެވެ. މަޖިލީހުގައި ޕީޕިއެމްގެ 6 މެންބަރުން ތިއްބަވައެވެ.