ޚަބަރު

ކޯވިޑް-19 : ފުވައްމުލަކުގައި އިތުރު ކްލާސްޓަރއެއް، ނުރައްކާ ބޮޑުވަނީ


ފުވައްމުލައް ސިޓީގައި މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުންނާ ގުޅުމެއް ނެތް ކޭސްއެއް ފެނިފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ. އަދި މިކޭސްއާ ގުޅުންހުރި އިތުރު 6 މީހަކު މިހާރު ޕޮޒިޓިވްވެފައިވާކަމަށް އެސެންޓަރުން ވިދާޅުވެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ މިހާރު ފުވައްމުލައް ސިޓީގައި ޕޮޒިޓިވްވެފައިވާ ކޭސްތަކާ ގުޅުމެއްނެތް ފުރަތަމަ ކޭސް ފެނިފައިވަނީ ހޮނިހިރުދުވަހުކަމަށެވެ.

އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި މިކޭސްއާ ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު 6 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ފުވައްމުލައް ސިޓީގެ އިތުރުން މިވަގުތު އައްޑޫ ސިޓީ ހުޅުމީދޫގައި އޮތް ކްލަސްޓަރއަކުންވެސް އިތުރު 2 މީހަކު ޕޮޒިޓިވްވެފައިވާކަމަށާއި މިއީ އެއް ޢާއިލާއަކަށް ނިސްބަތްވާ ދެމީހުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީން ހާމަކުރައްވާ ގޮތުގައި މިވަގުތު ރާއްޖޭގެ 3 ރަށެއް އޮތީ މޮނީޓަރިންގެ ޙާލަތުގައެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި މ.ކޮޅުފުއްޓެވެ. އަދި ރިސޯޓުތަކުގެ އައުޓް ބްރޭކްތަކަށްބަލާއިރު ކޮކޫން މޯލްޑިވްސްގައި 45 މީހުން ޕޮޒިޓިވްވެފައިވާއިރު ލަކްސް ސައުތް އަރިއެޓޯލްސްގައި މިވަގުތު 37 ޕޮޒިޓިވްކޭސް ފެނިފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެންނަމުން އަންނަ ނިސްބަތް މިއަހަރު ފެށުނުފަހުންވަނީ އިތުރުވެފައެވެ. މިވަގުތު އަށާރަހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު މިބަލީގައި 60 މީހުން ރާއްޖެއިންވަނީ މިހާތަނަށް ނިޔާވެފައެވެ.