ޚަބަރު

މިދައުރުގައި ހުވަދުއަތޮޅުގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ތަރައްޤީ ކުރާނަން - ރައީސް


ހުވަދުއަތޮޅުގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް މިދައުރުގެ ތެރޭގައި ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއިއެކު "ރަށްވެހި ފަތިސް"ގެ ނަމުގައި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގއ.އާއި ގދ.ގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ދާއިރާތަކުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ ވެރިކަމުގެ ތެރޭގައި ހުވަދު އަތޮޅުގައި ބަނަލްއަޤްވާމީ އެއަރޕޯޓެއް ތަރައްޤީކުރައްވާނެކަމަށާއި އެކަން ސަރުކާރުގެ ތެރެއިން ކުރިއަށްދާނެކަމަށެވެ. ނަމަވެސް އެއަރޕޯޓް ތަރައްޤީކުރައްވާނެ ރަށެއް އަދި ކަނޑައަޅުއްވާފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަޝްރޫޢުއާއި ގުޅޭ އިތުރު ތަފްސީލް ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.

"ހުވަދޫ އިންޓަރނޭޝަނަލް އެއަރަޕޯޓް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދައުރުގައި ހުވަދޫގައި ޤާއިމްކުރާނަން. އަދި ވަކި ރަށެއް ފާހަގަނުކޮށް މިއޮތީ." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ބައިނަލްއަޤްވާމީ 4 އެއަރޕޯޓެއް އަންނަނީ ހިންގަމުންނެވެ. އެއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާފަރު އިންތަނޭޝަނަލް އެއަރޕޯޓުގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މިއަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ހުވަދު އަތޮޅުގައި މިހާރު ކުރިއަށްދާ އަދި ކުރިއަށް ހުރި ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ތިލަދުންމަތީގައި ފަށާ ހައި ސްޕީޑް ފެރީގެ ޚިދުމަތަށްފަހު، ދެވަނައަށް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފަށްޓަވާނެ އަތޮޅަކީ ހުވަދު އަތޮޅުކަން ރައީސް ފާހަގަކުރެއްވިއެވެ. މިޚިދުމަތް އަންނައަހަރު ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހައި ސްޕީޑް ފެރީގެ ޚިދުމަތާއެކު މުދާ އުފުލޭނެ ނިޒާމްވެސް ހަމަޖެހިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަޢުލީމީ ނިޒާމަށް އަލިއަޅުއްވާލާއްވާ ވަހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސްޓޫޑަންޓް ލޯން ރާއްޖޭގެ ކޮންމެ އަތޮޅަކަށް އަދި ކޮންމެ ރަށަކަށް އަދި ދާއިރާއަކަށް ވަކި ޢަދަދުތަކެއް ކަނަޑައަޅުއްވާނެކަމަށެވެ. މީގެ އިތުރުން އިންކަމް ސަޕޯޓް އެލަވެންސް ހުވަދު އަތޮޅުގެ 989 މީހަކަށް 14 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށާއި، އެސްއެމްއީ ލޯންގެ ގޮތުގައިވެސް ހުވަދު އަތޮޅުގެ 18 ފަރާތަކަށް 31 މިލިއަން ރުފިޔާ މިސަރުކާރުން މިހާތަނަށް ދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން މިހާތަނަށް ހުވަދު އަތޮޅުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 169 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.